މެމްބަރުންގެ ގެތައް ރެއިޑްކުރަން ފުލުހުން އުޅޭކަމަށް މަޖިލިސް ރައީސް ތުހުމަތުކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު: މަޖިލީހުގެ ބައެއް މެންބަރުންގެ ސަލާމަތާއި ގުޅުވައި ބައެއް ފުލުހުންނަށް އެމަނިކުފާނު ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފުލުހުން ފާރަލައި، ބައެއް މެމްބަރުންގެ ގެތައް ރެއިޑުކުރަން ރާވަމުންދާކަމަށް ތުހުމަތުކުރައްވައި، ދިފާއީ ބާރުން މެމްބަރުންނަށް ރައްކާތެރިކަން ލިބޭނެކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުތައް ނެގުމުގެ ކުރިން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ 'ވަރަށް އުނދަގޫ ވާހަކަ' އެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ވަކި ވަކިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކި އެކި ކަންކަން ރެއިޑްކުރުމަށް ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް،" ރައީސް ނަޝީދު ތުހުމަތުކުރެއްވި އެވެ.

ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެކަމުގެ ސަބަބުން ފުލުސް އޮފީހަށް ގިނަ އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށާއި އެންމެންވެސް އެދެނީ ރާއްޖޭގައި ރަނގަޅު ފުލުހުންގެ މުއައްސަސާއެއް އޮތުން ކަމަށެވެ.

"އަޅުގަނޑު މި ދެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގެކޮޅަށް ވިޔަސް އަދި ސައިކަލަށް ވިޔަސް އެހެން ކަމަކަށް ވިޔަސް އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް އަދި ފުލުސް އޮފީހުގެ އާންމު އުސޫލުތަކާއި ހަމަތަކާއި ހިލާފަށް ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޗެކްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގެ ބަލައި ފާސްކޮށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އެވަނިކަމެއް ކޮށް މިވަނި ކަމެއް ކުރަން އެ ވިސްނުމުގައި އެއްވެސް ފުލުހެއް ނުހުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން އަދި އެދެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ބައެއް ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެކަމުން ހިމާޔާތް ލިބޭނެކަމަށް ދިފާއީ ބާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އަދި އިނގިވަޑައިގަންނަވާނެ މި މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓާ ދިނުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ މޯލްޑިވަސް ނޭޝަނަލް ޑިފެންސް ފޯސްގައި. އަޅުގަނޑު ޝައްކެއް ނުކުރަން އެ ފޯސްއިން އަޅުގަނޑުމެންގެ ކަންކަން ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގައި ބަހައްޓަވާނެ. އެއަކީ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލުމަކީ އެމްޑީޕީން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމުގައި ފުލުހުންގެ އިސް ދައުރެއް އޮތްކަމަށް ތުހުމަތު ކޮށް އެ ދުވަހުން ފެށިގެން އެމްޑީޕީން އައީ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ މުއައްސަސާ ވަރަށް ބޮޑަށް އިސްލާހު ކުރަން ޖެހޭނެ ކަމަށް ހަރު އަޑުން ގޮވަމުންނެވެ. އެއާއި އެކު އެ ޕާޓީގެ ބައެއް ފަރާތްތަކުން ފުލުހުންނާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކަމަށް ހުދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ދަނީ ވިދާޅުވަމުންނެވެ.

comment ކޮމެންޓް