ނަމާދަށް ސަފުހަދާއިރު ގައިދުރު ކުރާކަށް ނުޖެހޭނެ: އިސްލާމިކް މިނިސްޓްރީ

ޖޫން 15، 2020: ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ވަނީ ދީފަ އެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު، ކޮވިޑް19ގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތީ މާލެ ސަރަައްދުގަ އެވެ. ޖޫން 15 އިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތް ނުހަދާ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދިންނަމަވެސް، ޖަމާއަތް ހަދައިގެން ނަމާދު ކުރަން ފަށާނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަަދު ބުނީ ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށެވެ. ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

"މިނިސްޓްރީ އިން ނިންމާފައި ވާނީ ޖަމާއަތަށް ސަފުހަދާނީ އާންމު ހާލަތުގައި ވެސް ސަފު ހަދާގޮތަށް، ކޮނޑާ ކޮނޑު ޖެހޭނެހެން،" މިނިސްޓްރީ އިން ބުންޏެވެ.

މިސްކިތްތަކުގައި ޖަމާއަތް ހަދަން ހުއްދަ ދިންއިރު، ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް މިނިސްޓްރީ އިން ފާހަގަ ކުރެ އެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށް އަދި މިސްކިތަށް ވަދެ ނިކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.

އަދި މިސްކިތުގެ އެތަން މިތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ސަފު ހަދަމުން ގެންދިޔުމަށް ވެސް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން ހުރިހާ ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުވާނެހެން ކުރިއަށް ގެންދަން މިނިސްޓްރ އިން ވަނީ އިމާމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭ ގަމަތްދީ ނަމާދުކުރަން ފަށައި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮންމެ ނަމަދެއްގެ ކުރިން މިސްކިތް މޮޕުލާ ސާފުކުރަންވަނެ ކަމަށާާއި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތްހެދުން މެދުކަނޑާލީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްްޖޭގައި ގަޔާއި ގައި ޖެހޭ ގޮތަށް ސަފުހެދުމަށް އިސްލާމިކް މިނިސްޓްރީ އިން އިލްތިމާސް ކުރި އިރު، ސައުދީ އެރެބިޔާގައި ޖަމާއަތުގައި ނަމާދު ކުރަނީ ގައިދުރުކަންމަތީތިބެ އެވެ.

comment ކޮމެންޓް