ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް، ލަންކާ އަށް އާ ކަންޓްރީ ޑިރެކްޓަރެއް

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި ފާރިސް ހަދާދު-ޒާވޮސް--

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

މިއަދުން ފެށިގެން މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ ފާރިސް ހަދާދު-ޒާވޮސް އެވެ. ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ތިން ގައުމުގެ ސަރަހައްދީ އޮފީހުގައި ހުންނަވައިގެން، ފާރިސް މަސައްކަތް ކުރައްވާނީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގައި ހިންގޭ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކަށް ވޯލްޑް ބޭންކުން ދޭ އެހީތެރިކަން ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވުމުގަ އެވެ.

ކަންޓްރީ ޑިރެކްޓަރު ކަމަށް ފާރިސް ހަދާދު އައްޔަންކުރެވިފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އައިޑާ ސްވަރާއީ-ރިޑިހޯ ވާލްޑް ބޭންކްގެ އެހެން މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ހަދާދު-ޒާވޮސް މީގެ ކުރިން ހުންނެވީ ވޯލްޑް ބޭންކުން ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރުގެ މަގާމުގަ އެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަދާދު-ޒާވޮސް ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރު އެވެ. މެލޭޝިއާ އަދި ބޮލީވިއާގައި ކަންޓްރީ މެނޭޖަރުކަން ކުރެއްވުމުގެ އިތުރަށް، އޭނާ ފުރުއްވާފައިވާ އެހެނިހެން މަގާމުތަކުގެ ތެރޭގައި ގަލްފްގެ ގައުމުތަކާއެކު ކުރިއަށްގެންދެވޭ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ މެނޭޖަރުކަން، އިރާގުގެ ހެޑް އޮފް މިޝަން، އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހުންނަވާ އޮޕަރޭޝަންސް މެނޭޖަރުކަން ހިމެނެ އެވެ.

ހަދާދު-ޒާވޮސް ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވިފައި މިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރު މުއްދަތުގައްޔާއި ދިގު ރާސްތާގައި ކުރިމަތިވަމުންދާ ސިއްހީ އަދި އިގްތިސޯދީ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި ތިން ގައުމުގެ ސަރުކާރުންވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ގައުމުތަކުން މަސައްކަތްކުރަމުން އަންނައިރު، ރައްޔިތުންގެ ފުރާނަ އާއި ދިރިއުޅުން ރައްކާތެރިކޮށް، އިގްތިސޯދު ކޮޅަށްޖެހުމުގައި އެހީތެރިވުން ކޮންމެހެން މުހިންމު ކަމަށް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއްދޭނީ ވާލްޑް ބޭންކުގެ އެހީތެރިކަމާއިއެކު ހިންގޭ މަޝްރޫޢުތައް މެދުވެރިކޮށް، ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާއަށް ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ގޮންޖެހުންތައް ކުޑަކޮށް، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއިއެކު، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުން ކަށަވަރުކުރުމަށް. އެގޮތުން، ސަރުކާރުތަކާއި، ތަރައްގީގެ ބައިވެރިންނާއި، އަމިއްލަ ފަރާތްތަކާއި، އަދި މަދަނީ ޖަމިއްޔާތަކާއިއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދުކުރަން." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރަށް، މިފަދަ ކާރިސާއަކަށް އާންމު ސިއްހަތުގެ ނިޒާމް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި، ކުއްލި ހާލަތުގައި ފޯރުކޮށްދެވޭ އެހީގެ ދަށުން ޖުމްލަ 350 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަކުރެވޭ މަޝްރޫއުތަކެއް މެދުވެރިކޮށް ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާގެ ސަރުކާރުތަކަށް ވާލްޑް ބޭންކުން އަންނަނީ އެހީތެރިވަމުންނެވެ.

comment ކޮމެންޓް