މުދާ އުފުލޭނެ ގަޑިތަކަށް ބަދަލު ގެނެސްފި

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުމަތިން އަދި މާލެ އާއި ހުޅުމާލޭގައި މުދާ އުފުލޭނެ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވާ ދުވަސްތަކުގައި 24 ގަޑިއިރު ބްރިޖުމަތިން އަދި މާލެ އާއި ހުޅުމާލޭގައިވެސް މުދާ އުފުލުގެ ހުއްދަ އޮތީ ދީފަ އެވެ.

ނަމަވެސް މިއަދުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފެށުމާއެކު މި ނިންމުމަށް ބަދަލު ގެނެސް މުދާއުފުލޭނެ ވަގުތުތައް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު ގައި 24 ގަޑިއިރު މުދާ ޑެލިވަރީ ކުރެވޭނެ އެވެ. ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 1:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެ ކަމަށާއި ހެނދުނު 11:30 އިން މެންދުރު 13:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ ނުއުފުލޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ އޮތޯރިޓީ އިން ބުނީ ހުޅުމާލެއަށް މުދާ ގެންދިއުމަށް، ދެ ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭނެ ކަމަށައި ދެ ޓަނަށްވުރެ ބަރު އުޅަނދުފަހަރުގައި ބުރިޖުމަތިން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭނެ ކަމަށެވެ.

މީގެ އިތުރުން މާލެ އަދި ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ވެސް އުފުލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް