ޕާކިސްތާން އެއާލައިންސްއިން ޔޫރަޕަށް ދަތުރު ކުރުން 6 މަހަށް މަނާކޮށްފި

ޕާކިސްތާނުގެ ގިނަ އަދަދެއްގެ ޕައިލެޓުންގެ އަތުގައި ފޭކު ލައިސެންސް އޮތްކަން އެނގުނީ މިދިޔަ މެއި މަހު ކަރާޗީއަށް ވެއްޓުނު ޕީއައިއޭގެ ބޯޓުގެ މައްސަލަ ތަހުގީގު ކުރަނިކޮށް -- ފޮޓޯ: އޭޕީ

އިސްލާމްއާބާދު (ޖުލައި 1): ޕާކިސްތާނުގެ ގައުމީ އެއާލައިނުން ކުރިއަށް އޮތް ހަ މަހު ޔޫރަޕަށް ދަތުރު ކުރުން މަނާ ވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީން ބުނެފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީން އެފަދައިން ބުނީ، ޕާކިސްތާނުގެ 860 ޕައިލެޓުންގެ ތެރެއިން 262 ޕައިލެޓުން އިމްތިހާނުގައި މަކަރު ހެދި ކަމަށާއި ނަމަވެސް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމީހުންނަށް ލައިސެންސް ދިން ކަން ތަހުގީގަކުން ހާމަ ވުމުންނެވެ. އެއީ މިދިޔަ މެއި މަހު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ބޯޓެއް ކަރާޗީއަށް ވެއްޓި، 97 މީހަކު މަރުވި ހާދިސާއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގެކެވެ.

ޔޫރަޕިއަން ޔޫނިއަންގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީން ބުނި ގޮތުގައި ޕީއައިއޭއިން އެ ސަރަހައްދުތަކަށް ދަތުރު ކުރުން މަނާ ކުރީ ޕާކިސްތާނުންދޭ ޕައިލެޓު ލައިސެންސްތަކުގެ ސައްހަ ކަމާ މެދު ޝައްކު އުފެދޭތީ އެވެ. އަދި އެގައުމުގެ ވައިގެ ދަތުރުތައް އޮޕަރޭޓު ކުރާ ފަރާތްތަކާއި މަތިންދާބޯޓުތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭތޯ ބެލުމުގެ ގާބިލުކަން މިވަގުތު ޕާކިސްތާނަށް ލިބިފައިވާ ކަމަށް ނުބެލެވޭތީ އެވެ.

އެ ހޯދުންތަކާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ މިިހާތަނަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަސް އޮފިޝަލަކު މަގާމުން ދުރުކޮށްފަ އެވެ. އަދި ޕީއައިއޭގެ 434 ޕައިލެޓުންގެ ތެރެއިން 141 ޕައިލެޓުން އުދުހުން ވަނީ މަނާކޮށްފަ އެވެ.

ޕީއައިއޭގެ ތަރުޖަމާނު އަބްދުﷲ ހަފީޒް ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ސަބަބުން އެ އެއާލައިނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި އެ އެއާލައިނުން ކޮރޯނާވައިރަހާ ގުޅިގެން ޔޫރަޕަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައި އޮތް ނަމަވެސް، އެ އެއާލައިނުން އުއްމީދު ކޮށްގެން އޮތީ ކުރިއަށް އޮތް ދެ މަސް ތެރޭ އޮސްލޯ، ކޯޕަންހޭގަން، ޕެރިސް، ބާސެލޯނާ އަދި މިލާންއަށް ކުރާ ދަތުރުތައް ފެށޭނެ ކަމަށެވެ.

comment ކޮމެންޓް