11 އަހަރަށް ފަހު އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

އެމްޓީޑީސީން ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން 11 އަހަރަށް ފަހު ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމައިފި އެވެ.

އެމްޓީޑީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ހޯމަ ދުވަހު ބޭއްވުނު ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ކުންފުނީގެ މާލީ ހިސާބުތައް ފާސްކޮށްފައިވާ ކަމަށެވެ.

އެ ޖަލްސާގައި ބެލެންސް ޝީޓާއި ފައިދާއާއި ގެއްްލުމުގެ ހިސާބު ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 3.68 މިލިއަން ޑޮލަރު ލިބި، ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި، 1.24 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީގެ އަގު 10 ރުފިޔާގެ ހިއްސާއަކަށް 0.50 ލާރި ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން މޫނުމަތީ ހިއްސާއެއްގެ އަގު 100 ރުފިޔާގައި އުޅުނު ކަމުގައިވިޔަސް 2014 ވަނަ އަހަރު އެ ހިއްސާތައް ސްޕްލިޓްކޮށް މޫނުމަތީގެ ހިއްސާއެއްގެ އަގު 10 ރުފިޔާއަށް ވަނީ ބަދަލުކޮށްފަ އެވެ.

"އެހެންކަމުން 2014 ވަނަ އަހަރު ހިއްސާ ސްޕްލިޓް ކުރުމުގެ ކުރިން ހިއްސާގެ މޫނުމަތީ އަގު ކަމަށްވާ 100 ރުފިޔާއިން ކަމުގައި ބަލާނަމަ ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހާނީ ފަސް ރުފިޔާކަމުގައި ދަންނަވަމެވެ" އެމްޓީޑީސީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް