އިތުރު ހުއްދަތަކެއް ނުނަގާ އެހެން ރަށްރަށުން މާލެ އައުމުގެ ހުއްދަ ދީފި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއިން ފެށިގެން އެހެން ރަށްރަށުން މާލެ އަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ހުއްދަތަކެއް ނުނަގައި މާލެ އާދެވޭނެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއުލާންކޮށްފި އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މީގެ ކުރިން މާލެއަށް މީހުންނަށް އާދެވެނީ ވަކި ހާއްސަ ހުއްދައެއް ނަގައިގެންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރި ނަމަވެސް، އެއްވެސް ހުރަހަކާ ނުލާ މާލެއަށް މީހުން އައުމުގެ ފުރުސަތު އޮންނާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ރާއްޖޭގެ އެހެން ރަށަކުން މާލެއަށް ދަތުރުކުރާ މީހެއް ނަމަ، މާލެއަށް އާދޭނޭ، އެއްވެސް ޕާމިޓެއް ނުލާ މާލެއަށް އާދެވޭނެ ކަމަށް މިއޮތީ ކަނޑައެޅިފައި،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މާލެއަށް މީހުން ހުއްދަ ނުނަގައި އާދެވުމުގެ ފުރުސަތު އޮތް ނަމަވެސް، މާލެއިން އެހެން ރަށްތަކަށް މީހުންނަށް ދެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށެވެ. އަދި އެ ހުއްދަ ނަގަން ޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ "ހާލު ބެލުން" ޕޯޓަލް އިން ކަމަށް އޭނާ ވިދާޅުވިއެވެ،

"ހާލު ބެލުން ޕޯޓަލްއިން ލޮގިންވުމުން ހުއްދަ ލިބޭނީ. އެ ލިޔުން ހިފައިގެން ފުލައިޓުތަކަށް އެރޭނީ. އަދި ރަށަށް އަރާއިރު އެ ހުއްދަ ބޭނުން ކުރެވޭނެ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ހުއްދަ ލިބުމުން އެކަން އެސްއެމްއެސްއަކުން އެންގޭނެ ކަމަށާއި އަދި ހުއްދައިގެ ލިޔުން ޕޯޓަލްއިން ޑައުންޑްލޯޑް ކުރެވޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލެއިން ފުރައިގެން އެހެން ރަށްތަކަށްދާ މީހުން 14 ދުވަހު ގޭގައި ކަރަންްޓީންވާން ޖެހޭނެ ކަމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ. ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން ލުއިތަކާ އެކު ވެސް މާލެއިންދާ މީހުން ވެސް 14 ދުވަހަށް ހޯމް ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލޭގެ ފުރަބަންދު އިތުރުކޮށް، ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެެވެ. އެގޮތުން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ކޮންމެ އުމުރެއްގެ މީހުނަށްވެސް ބޭރަށް ދެވޭނެ އެވެ. އަދި ވިޔަފާރިތައްވެސް ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހުޅުވޭނެއެވެ. އޭގެ ތެރޭގައި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓް، ބޯކޮށާތަންތަން، ސެލޫން އަދި ސްޕާތައްވެސް ހިމެެނެއެވެ. އަދި މާދަމާ މަޤްރިބު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޮވިޑް ނެތް ރަށްތަކުގައި ހުރިހާ ގްރޭޑަކަށް ކިިޔައިދޭން ފަށާއިރު، މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދޭން ނިންމާފައިވަނީ ގްރެޑް ނުވައަކުން މަތީގެ ގްރޭޑްތަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް