ބާ ކައުންސިލުން މަޖިލީހަށް: ގާނޫނު އަސާސީން ލިބިދޭ ބާރުގެ ތެރެއިން އަމަލު ކުރޭ

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ކައުންސިލް ހާޒިރު ކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ކަންކަން ރައްޔިތުންގެ މަޖިލީހުން ބެލުމުގައި ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަމަލު ކުރުމަށް ބާ ކައުންސިލުން މަޖިލީހަށް ގޮވާލައިފި އެވެ.

ސަފާރީއަކުން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ ރުހޭ ނަމަ އޭނާ ކޮމިޓީއަށް އައިސް މައުލޫމާތު ދިނުމުގެ ފުރުސަތު ހުޅުވާލުމަށާއި، އަދި ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުން، މަޖިލީހުގެ ދައުރުން ބޭރުން ކަންކަން ކުރާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

އެ ތުހުމަތުތައް މަޖިލީހަށް އަމާޒުވެފައިވަނިކޮށް، މިރޭ ބާ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ މަޖިލީހުން ސަފާރީ މައްސަލައާ މެދު އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރައްވަމުންގެންދަވާ އިންކުއަރީ އާގުޅޭ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކަންބޮޑުވުން ފާޅުކުރަމެވެ." ބާ ކައުންސިލުން ބުންޏެވެ.

ގާނޫނުއަސާސީގެ 5،6 އަދި 7 ވަނަ މާއްދާއަށާއި، ސުޕްރީމް ކޯޓުން ކައުންސިލަރުންގެ ދައުރު ދިގުދެންމުމާ ގުޅޭ ގޮތުން ދިން އިސްތިޝާރީ ލަފާގެ 8 ވަނަ ނަންބަރުގެ (ނ)އާ ހަވާލާދީ، ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮންނަ އުސޫލަށާއި، މިއިން ކޮންމެ ބާރަކަށްވެސް ބާރު ލިބިދީފައި ވަނީ ގާނޫނު އަސާސީއިން ސަރީހަ ބަހުން އެފަރާތަކަށް ބާރުތައް ދީފައިވާ މިންވަރަށްކަށްކަން ފާހަގަކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށް ހަނދާންކޮށްދޭ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އަދި ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ބާރު ދީފައިވަނީ ފުލުހުންނަށް ކަމަށް ގާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ޖިނާއީ ތަހުގީގުތައް ކުރިއަށްދަނީ ގާނޫނުގައިވާ ގޮތަށްކަން ބެލުމުގެ ބާރު ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ)ގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިދޭކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.

އަދި ސަފާރީގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިންކުއަރީ ހިންގުމުގައި ގާނޫނު އަސާސީގައި ބުނާ އިންތަކުގެ ތެރެއިން އެކަން ކުރުމަށް ސަމާލުކަންދިނުމަށް ބާ ކައުންސިލުން ގޮވާލި އެވެ.

"މި މައްސަލައިގައި އިންކުއަރީ ހިންގެވުމުގައި ގާނޫނުއަސާސީގެ 5، 6، 7 ވަނަ މާއްދާ އާއި 244 ވަނަ މާއްދާގެ (ނ) އާއި 241 އަދި 242 ވަނަ މާއްދާގައި ބަޔާންކުރާ އިންތަކުގެ ތެރޭގައި، ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިންކުއަރީ ހިންގެވުމަށް މަޖިލީހަށް ލިބިދޭ ބާރުތައް ބޭނުންކުރެއްވުމަށް ސަމާލުކަންދެއްވުމަށް ގޮވާލަމެވެ." ބާ ކައުންސިލުން ބުންޏެވެ.

ސަފާރީގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެކަން ހިނގައިދިޔަ ގޮތް ބެލެންޖެހޭނެ ކަމެއް ކަމަށްވާއިރު، އެކަން ބަލަންވާނީ ހިނގަމުންދާ ތަހުގީގަކަށް އަސަރުނުކުރާނޭ އަދި ހުރަސްނޭޅޭނޭ ގޮތެއްގެ މަތިން ކަމަށް ވެސް ބާ ކައުންސިލުން މިރޭ ބުންޏެވެ.

comment ކޮމެންޓް