ބޮޑެތި ލުއިތަކާ އެކު 15 ދުވަހަށް ފުރަބަންދު އިތުރުކޮށްފި

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު ބޮޑެތި ލުއިތަކާއެކު 15 ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

މާލެ ސަރަހައްދު ފުރަަބަންދުގެ ހާލަތައް ގެނައީ، މިދިޔަ އެމްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ކޮވިޑް19ގެ ފުރަތަމަ ކޭސްއާއެކުވެ. އެފަހުން އެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އެޗްޕީއޭ އިން ވަނީ އިތުރުކޮށްފައެވެ.

އެންއީއޯސީން މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ފުރަބަންދުގެ މުއްދަތު ޖުލައި 15 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ފުރަބަންދުގެ މުއްދަތު އިތުރު ކުރި ނަމަވެސް ބޮޑެތި ލުއިތަކަށް މާދަމާ އިން ފެށިގެން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެ ލުއިތަކުގެ ތަފްސީލު މަބްރޫކު ވަނީ ހިއްސާ ކުރައްވާފައެވެ.

މާދަމާ އިން ފެށިގެން ދީފައިވާ ލުއިތައް:

  • މާލޭގައި ހުއްދަ ނުނަގައި ބޭރަށް ނުކުމެ އުޅެވޭނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް
  • ފިހާރަތަކަށް ވަދެ ވިޔަފާރި ކުރެވޭނީ ހެނދުނު 9:00 އިން ރޭނގަޑު 10:00 އަށް
    ޑެލިވަރީގެ ޚިދުމަތް ދެވޭނީ ރޭގަނޑު 11:00 އަށް.
  • ކެފޭ، ރެސްޓޯރެންޓަށް ވަދެ ޚިދުމަތް ލިބިގަނެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް.
  • ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން 30 މީހުންނަށްވުރެ ގިނަ ނުވާގޮތަށް އެއްތަނަކަށް މީހުންނަށް އެއް ވެވޭވެނެ.
  • މާދަމާގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ.
  • ހުއްދަ ނުނަގައި އެހެން ރަށްތަކުން މާލެއަށް ދަތުރު ކުރެވޭނެ.
  • މާލެއިން އެހެން ރަށަކަށް ދެވޭނީ ހުއްދަ ނަގައިގެން.
  • ކުޅިވަރުކުޅުމުގެ ހުއްދަ ލިބޭނެ.
  • ކުޑަ ކުދިންނަށް ހިންގާ ސްޕޯޓްސް އެކެޑަމީތަކުގައި ބައިވެރިވުމުގެ ހުއްދަ 12 އަހަރުން ދަށުގެ ކުދިންނަށް ނުލިބޭނެ.
  • ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވަކި އަދަދަކަށް މީހުންނަށް ހިދުމަތް ދިނުމަށް ހުޅުވޭނެ.
  • އަމިއްލަ އޮފީސްތައް ހުޅުވޭނެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު އޮފީސްތައް ބަންދުވާނެ.
  • ބޭންކުތައް ހުޅުވޭނީ ހެނދުނު 9:30 އިން 2:00 އަށް.
  • ކޮވިޑް ނެތް ރަށްތަކުގެ ސްކޫލަތަކުގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭނެ.
  • މާލޭ ސިޓީގެ ސްކޫލްތައް ހުޅުވޭނީ ގްރޭޑް ނުވައަކުން ފެށިގެން މަތީގެ ގްރޭޑްތަކަށް.
  • ހައި ރިސްކް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނީ އޮންލައިންކޮށް.
  • ޓިއުޝަން ސެންޓަރުތަކާއި ޑޭކޭއާ ސެންޓަރުތައް ބަންދުވާނެ.
  • ގެސްޓްހައުސްތައް ހުޅުވޭނެ.
  • ބޯކޮށާތަންތަން، ސެލޫން، ސްޕާތައް ހުޅުވޭނެ. އެތަންތަނުގައި އެއްފަހަރާ ހިދުމަތް ދެވޭނީ ވަކި އަދަދަކަށް.

މަބްރޫކު ވިދާޅުވީ، މި ލުއިތައް ދިން ނަމަވެސް އަދިވެސް ރާއްޖެއިން ކޮވިޑް19ގެ ބަލި މުޅިން ފިލައި ނުދާ ކަމަށާއި އެހެންކަމުން އަދިވެސް ރައްޔިތުން ވައިރަހަށް ސަމާލުވުމަށް އޭދޭ ކަމަށެވެ. އެގޮތުން އެޗްޕީއޭ އިން ތަންތަން ހުޅުވުމަށް ހަދާފައިވާ ގަވާއިދުތަކަށް އަމަލުކޮށް، ދީފައިވާ އިރުޝާދުތަކަށް ރައްޔިތުން އަމަލު ކުރުމަށް މަބްރޫކު ހަނދުމަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިދެވެނީ ކޮވިޑް19އާއެކު ދިރިއުޅެމުން އައިސް އިތުރު މަރުހަލާއަކަށް. މި ބަލި ރާއްޖެއިން ފޮހެވިގެން ދިޔައީ އެއް ނޫން. ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހަކަށް ބަލި ޖެހޭތަން އަދިވެސް އެބަ ފެނޭ. އެެހެންވީމަ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ވަނީ މި ބަލި ރާއްޖޭގައި އޮތް ކަން ދެނެ ތިބެގެން،" މަބްރޫކު ވިދާޅުވިއެވެ.

ފަހު މެސެޖެއްގެ ގޮތުގައި މަކްރޫކް ވިދާޅުވީ ލުއިތަކާއެކުވެސް މީހުން އުޅެންވާނީ ގައިދުރުކަމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

ބޮޑެތި ލުއިިތަކެއް ސަރުކާރުން ދޭން ނިންމި އިރު، މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 2،361 އެވެ. އޭގެ ތެރެއިން 1،944 މީހުން ވައިރަހުން ރަނގަޅުވިއިރު، ނުވަ މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. ދުވަހުން ދުވަހަށް ފެންނަ ކޭސްތަކުގެ އަދަދު މިހާރު އެވްރޭޖްކޮށް ހުރީ 20 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް