މާލެ ސަރަހައްދުގައި މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށާނީ މަޣްރިބު ނަމާދުން

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރަނީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު)ގައި މާދަމާ ޖަމާއަތުގައި ނަމާދު ކުރަން ފަށާނީ މަޣްރިބު ނަމާދުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މިސްކިތްތައް ހުޅުވާލިޔަސް އަދިވެސް ކުރިއެކޭ އެއްގޮތަށް ނަމާދު ކުރާ މިސްކިތްތަކުގައި ކާޕެޓް ނޭޅޭނެކަމަށެވެ. އަދި ބުނީ ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތްތަކުގައި މޮޕްލައި ސާފްކުރަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ސައިބޯނިލައިގެން އަތް ދޮވެވޭނެ ގޮތް މިސްކިތްތަކުގައި ހަމަޖައްސަން ޖެހޭނެކަމަށާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެނަމަ ނޫނީ އެއާކޯން ބޭނުންނުކުރަންވަނީ އިލްތިމާސްކޮށްފައެވެ.

އެއާކޯން ބޭނުންކުރިޔަސް ދޭތެރެ ދޭތެރެއިން މިސްކިތްތަކުގެ ދޮރުހުޅުވައި ވައި ބަދަލުވާނެގޮތް ހަދަން ޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން ދުވަސްވީ މީހުންނާއި ކެއްސާ މީހުންނާއި ފުއްޕާމާގެ ބަލި ހުންނަ މީހުން މިސްކިތްތަކަށް ނުދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން އިލްތިމާސްކުރި އިތުރުކަންތައްތައް

  • ގެއިން ވުޟޫކޮށްގެން މިސްކިތައް ދިއުން
  • މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަމަތީގައި ނޫނީ ނަމާދު ނުކުރުން
  • މިސްކިތްތަކުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތައް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
  • ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރުން
  • މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުން

އިސްލާމިކް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ވަނީ ހުރިހާ ނަމާދެއް ހަތް މިނެޓަށްވުރެ ކުރުކޮށް ކުރިއަށް ގެންދަން އިމާމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ބަންގިއަށްފަހު ފަސް މިނެޓް ތެރޭ ގަމަތްދީ ނަމާދުކުރަން ފަށައި ހުރިހާ ނަމާދެއްގައިވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް