މާލީ ބަޔާނާ ގުޅޭ ގޮތުން ދިން ލަފާގެ ބައެއް ކޮމެޓީއިން ފާހަގަ ނުކުރޭ: ޓްރާންސްޕޭރެންސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަޖިލީހުގެ އާންމު ކޮމެޓީއިން ފާސްކުރި ރިޕޯޓުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މަޖިލީހަށް ދިން ލަފާގެ އެއްބައި ބޭނުންކޮށް، އެއާ ވިދިގެން އަންނަ ބައި ފާހަގަކޮށްފައި ނުވާތީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންވާނެ ކަމަށެވެ. އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު އެއްފަހަރު ތައްޔާރުކޮށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.

ނަމަވެސް އެ ދެ މާއްދާ އިސްލާހުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން މަޖިލީހުގެ އާންމު ކޮމެޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު ނިންމީ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ ބަޔާން ނުހިމަނައި، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މާލީ ބަޔާން، ޝާއިއުކުރަން ޖެހޭ ގޮތަށް 68 ވަނަ މާއްދާގެ (ރ) އިސްލާހު ކުރާށެވެ. މި ގޮތަށް ނިންމައި ކޮމެޓީއިން ފާސްކުރި ރިޕޯޓުގައި، ޓީއެމްއިން 26 ފެބްރުއަރީ 2020ގައި މަޖިލީހަށް ފޮނުވި "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މުރާޖިއާ" ރިޕޯޓުގެ ހުށަހެޅުންތަކުގެ ބަޔަކަށް ހަވާލާދީފައިވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓުގެ 4.2 ނުކުތާގައި ފާހަގަކޮށްފައި ވަނީ "ވެބަސައިޓުގައި ޝާއިއުކުރާއިރު މެންބަރުގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ހަމައެކަނި މެންބަރުންގެ މާލީ ބަޔާން ޝާއިއުކުރެވިދާނެ ކަމަށް" ޓީއެމްއިން ބުނާ ބުނުމެވެ. ނަމަވެސް، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ޝާއިއު ކުރާނީ، ހުރިހާ މައުލޫމާތެއްވެސް މިނިވަންކޮށް ޔަގީންކުރެވޭނޭ އުސޫލެއް ގާއިމުކޮށް އަމަލުކުރެވެން ފެށުމުން ކަމަށް ޓީއެމްއިން ހުށަހަޅާފައިވާ ބައި ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައި ނުވެއެވެ. މިއަދު ނެރުނު ބަޔާނެއްގައި ޓީއެމްއިން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ކޮމިޓީގެ ރިޕޯޓުގައި، މަޖިލީހަށް މިޖަމިއްޔާއިން ހުށައެޅި ލަފާގައިވާ ބައެއް، މަތީގައި ދެންނެވުނު ގޮތަށް ފާހަގަކޮށް، އެއާވިދިގެން އޮތްބައި ފާހަގަ ކޮށްފައިނުވާތީ އެކަމާ މިޖަމިއްޔާއިން ކަންބޮޑުވަމެވެ." ޓީއެމްއިން ބުންޏެވެ.

ޓީއެމްއިން ދީފައިވާ ލަފައެއްގެ ބައެއް ބޭނުންކުރުމަށްފަހު، އެއާ ވިދިގެން އޮތްބައި އުނިކުރުމުން، އެ ޖަމިއްޔާއިން ހުށަހެޅި ލަފާގެ މާނައާއި ފުރިހަމަކަން ގެއްލި، އަދި އެ ލަފާ ދޭތެރޭ ބޮޑު އޮޅުން އަރާގޮތް މެދުވެރިވުމަކީ އެކަށީގެންވާކަމެއް ކަމަށް ޓީއެމްއިން ބުންޏެވެ.

ޓީއެމްއިން ދެކޭ ގޮތް ސާފުކޮށްދެމުން ބަޔާނުގައި ބުނެފައި ވަނީ، މިނިވަންކޮށް ޔަގީންކުރެވޭނޭ އުސޫލެއް ގާއިމުކުރެވިފައި ނުވާ ހާލަތެއްގައި މާލީ ބަޔާން އާންމުކޮށް ހާމަކުރާއިރު ބަޔާން ހުށަހަޅާ ފަރާތްތަކުގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ ބަޔާންތައްވެސް ހާމަކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހާމަކުރުމާގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައިވާ ބައެއް މާއްދާތަކަށް ބަދަލުގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރިގޮތުން، މާލީ ބަޔާން ހުށަހެޅުމުގެ މަގްސަދު ހާސިލުކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށް ދެކޭ ކަމަށް ޓީއެމްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މާލީ ބަޔާން ހާމަކުރުމުގެ ހަރުދަނާ ނިޒާމެއްގެ ބޭނުމަކީ ސިޔާސީ ގޮތުން ބާރު ފޯރުވާ ފަދަ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުވުމާއި، ނުހައްގު މުއްސަނދިކަން ހުއްޓުވުމާއި، ރިޝްވަތުދިނުން ފަދަ އެހެނިހެން ފަސާދަ ހުއްޓުވުމެވެ. އެެހެންކަމުން، މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމުގައި އަނބިން ނުވަތަ ފިރިން، އަދި ދަރިންގެ މާލީ ބަޔާން މިނިވަންކަމާއެކު ޔަގީން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކާ ނުލާ އެބަޔާންތައް ހާމަ ނުކުރުމަކީ ފަސާދަ ހުއްޓުވުމަށް ކުރާ މަސައްކަތުގެ މަގްސަދު ހާސިލްކުރުމަށް އެޅޭނެ ހުރަހެކެވެ."

ޓީއެމްގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ ކޮމެންޓު ދީފައެވެ. އާންމު ކޮމެޓީގެ ރިޕޯޓު ކޮމެޓީއިން ފާސްކޮށްފައިވީނަމަވެސް އަދި ތަޅުމަށް ނޮފޮނުވަައެވެ.

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރަން ކޮމެޓީން ފާސްކޮށްފި

comment ކޮމެންޓް