ކޮވިޑް-19: މިއަދު 24 މީހުން ޕޮޒިޓިވްވިއިރު، އިތުރު 17 މީހަކު ބަލިން ރަނގަޅުވެއްޖެ

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެ 18:00 ން މިރޭގެ 18:00 އާއި ހަމަޔަށް އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 2،361 ގަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހީންނާއި، ހަތް ބަންގްލަދޭޝް މީހުންގެ އިތުރުން ހަ އިންޑިޔާ މީހެކެވެ.

މިއަދު ބައްޔަށް ޕޮޒިޓިވް 24 މީހަކު ފެނިފައި ވާއިރު، އިތުރު 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައިކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 1،944 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި މިހާރު ފަރުވާދެވެމުންް އަންނަނީ 403 މީހަކަށެވެ.

ކަރަންޓިނު ފެސިލިޓިތަކުގައި މިވަގުތު 134 މީހަކު ތިބި އިރު 275 މީހަކު މިވަގުތު އައިސޮލޭޝަންގައި އެބަ ތިއްބެވެ.

ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 50،336 ސާމްޕަލް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެއެވެ.

ނުވަ މީހަކު ވަނީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިން، ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންގެ އިތުރުން ފިލިޕީންސްގެ ރައްޔިތަކުވެސް ހިމެނެއެވެ.

މިތަނުން އެންމެ ފަހުން ނިޔާވީ ފިލިޕީންސްގެ ރައްޔިތެވެ. އުމުރުން 43 އަހަރުގެ ފިލިޕީންސް މީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލިގެ ޑީއެޗް11 ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެވެމުން ދަނިކޮށް މިއަދު 1:50 ހާ އިރުއެވެ. އެ މީހާއަކީ ރާއްޖެއިން ކޮވިޑް ޖެހުނު ހަމަ އެކަނި ފިލިޕީންސްގެ ރައްޔިތެވެ.

ފާއިތުވެދިޔަ ހަފްތާއަށް ބަލާލާއިރު އެންމެ މަދުން ކޭސް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު ފެނިފައިވަނީ ޕޮޒިޓިވް ހަ ކޭސް އެވެ.

  • ޖޫން 30، 2020: 24 ޕޮޒިޓިވް ކޭސް
  • ޖޫން 29، 2020: 13 ޕޮޒިޓިވް ކޭސް
  • ޖޫން 28، 2020: 19 ޕޮޒިޓިވް ކޭސް
  • ޖޫން 27، 2020: 22 ޕޮޒިޓިވް ކޭސް
  • ޖޫން 26، 2020: 06 ޕޮޒިޓިވް ކޭސް
  • ޖޫން 25، 2020: 17 ޕޮޒިޓިވް ކޭސް
  • ޖޫން 24، 2020: 22 ޕޮޒިޓިވް ކޭސް
  • ޖޫން 23، 2020: 21 ޕޮޒިޓިވް ކޭސް

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

އެގޮތުން މިހާރު މާލޭގެ އާންމުންނަށް ވަކި ގަޑިތަކެއްގައި ފާހަކާއި ނުލައި ބޭރަށް ދެވޭއިރު މާދަމާއިން ފެށިގެން މިސްކިްތަކުގައި ޖަމާއަތުގައި ނަމާދު އަދާކުރުން ފެށުމަށްވެސް ވަނީ ނިންމިފަ އެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދީފަ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް