ސަފާރީ މައްސަލައިގައި އިންޓެގްރިޓީ ކޮމިޝަނަށް އެއްބާރުލުން ދެން: ފުލުހުން

ނޮވެމްބަރ 28، 2019: ފުލުހުންތަކެއް އެއްވުމެއް ކޮންޓްރޯލު ކުރުމަށް މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެދިފައިވާ ހުރިހާ ކަމެއްގައި އެއްބާރުލުން ދީފައިވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ކުރަނީ ކޮން މަސައްކަތެއްތޯ ބެލުމަށް އެ ކޮމިޝަން މިއަދު މަޖިލީހުގެ މިނިވަން މުއްސަސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރިއެވެ. އެ ބައްދަލުވުމުގައި އެެންއަސިސީއިން ވަނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު އަދި ނުލިބޭކަން ފާހަގަކޮށްފައެވެ.

އެންއައިސީގެ ރައީސްއަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ސަފާރީގެ މައްސަަލަ ބެލުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ. އެ ކޮމެޓީގެ މެމްބަރު ކާނާލް ރިޓަޔާޑް އަހްމަދު ޖިހާދު މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީގައި ވިދާޅުވީ ސަފާރީ މައްސަލައާ ގުޅޭ ލޮގް އަދި ފުލުހުންގެ ފަރާތުން ނުލިބޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ ސަފާރީގައި ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެންއައިސީއިން ފުލުހުންނަށް ފަސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސިޓީއެއްގައި ކޭސްގެ ލޮގް ހޯދުމަށް އެދިފައި ނުވާ ކަމަށް ބުނެފައިވެއެވެ.

މިހާތަނަށް އެންއައިސީއިން އެދިފައިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"...އެއިން އެއްވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައެއް ނުވޭ. އަދި މިހާތަނަށް އެދިފައިވާ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

އެންއައިސީގެ ތަހުގީގަށް އެއްބާރުލުންދޭ ކަމަށް ފުލުހުން ބުނެފައިވާއިރު، އެންއައިސީގެ މެމްބަރު ކާނާލް ރިޓަޔާޑް އަހްމަދު ޖިހާދު މިއަދު ވިދާޅުވީ، ކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށް އެންއައިސީއިން ފޮނުވި ސިޓީއެއްގެ ޖަވާބުގައި ފުލުހުން ދިނީ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ކަމަށާއި ތަހުގީގާ ގުޅޭ މައުލޫމާތު ނުދޭ ކަމަށެވެ.

އޭގެ އިތުރުން، ތަހުގީގު ޓީމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގޮސް ހޯދަން އެދުނު ބައެއް ޑޮކިއުމަންޓްސްތައް އަދިވެސް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ ސަފާރީ ކޭސްގެ މައުލޫމާތު ފުލުހުން ނުދިން: އެންއައިސީ

comment ކޮމެންޓް