އެމެރިކާއާއި އިނގިރޭސީންނަށް ގޮންޖަހައި ހޮންގްކޮންގްގެ އަމަނާބެހޭ ގާނޫނު ޗައިނާގެ ޕާލަމެންޓުން ފާސްކޮށްފި

ޗައިނާގެ ޕާލަމެންޓް ކަމަށްވާ

ބެއިޖިންގް (ޖޫން 30): ހޮންގްކޮންގްގައި ތަންފީޒު ކުރުމަށް ޗައިނާ ސަރުކާރުން ނިންމާފައިވާ އަމަނާބޭހޭ ޚާއްސަ ގާނޫނު ޗައިނާގެ ޕާލަމެންޓުން މިއަދު ފާސްކޮށްފިއެވެ.

މި ގާނޫނު ބިނާކޮށްފައިވަނީ މައިގަނޑު ހަތަރުކަމެއްގެ މައްޗަށެވެ. އެއީ ހޮންކޮންގްގައި މިދިޔަ އަހަރުން ފެށިގެން ހިނގަމުންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ގާނޫނުތަކަށް ގޮންޖެހުން ހުއްޓުވުމާއި ބޭރުގެ ބައެއް ގައުމުތަކުން ހޮންގްކޮންގްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަ ވަނުން ހުއްޓުވުމާއި ޓެރަރިޒަމް ހުއްޓުވުމުގެ މައްޗަށެވެ.

މިގާނޫނު ތަންފީޒުކުރުމަށްޓަކައި ޗައިނާގެ ގައުމީ ސަލާމަތާބެހޭ އޮފީހެއް ހޮންގްކޮންގްގައި ގާއިމް ކުރަން ހަމަޖެހިފައިވާއިރު ހޮންގްކޮންގެ ކޯޓުތަކުގެ ފަނޑިޔާރުން އައްޔަން ކުރުމުގައި އެސަރަހައްދުގެ ވެރިޔާ ނުވަތަ ޗީފް އެގްޒެކެޓިވް އަށް މިގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިދެއެވެ.

ހޮންގްކޮންގް ގެ އަމަނާބެހޭ ގާނޫނު ޗައިނާގެ ޕާލަމެންޓް ކަމަށްވާ "ނެޝަނަލް ޕީޕަލްސް ކޮންގްރެސް" އިން މިއަދު ފާސްކޮށްފައި މިވަނީ އިނގިރޭސި އިސްތިއުމާރުގެ ދަށުން ހޮންގްކޮންގް މިނިވަންވެ ޗައިނާގެ ސިޔާދަތުގެ ދަށަށް އެސަރަހައްދު އައިތާ 23 އަހަރު ފުރުމުގެ އެއްދުވަސް ކުރިންނެވެ.

ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގް އިނގިރޭސި އިސްތިއްމާރުގެ ދަށުގައި 100 އަހަރު އޮތުމަށްފަހު އިނގިރޭސީން އެސަރަހައްދުން ފާބައި އެސަރަހައްދު ޗައިނާއާ ހަވާލުކުރީ 1997 ވަނައަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އިނގިރޭސިންގެ އަތްދަށުން މިނިވަންވިއިރު ހޮންގްކޮންގް ގައި އޮތީ ޗައިނާގައި އޮންނަ ވެރިކަމާ މުޅިން ތަފާތު ވެރިކަމުގެ ނިޒާމެކެވެ. ހުޅަނގުގައި އޮންނަ ވެރިކަމުގެ ނިޒާމުތަކާ އެއްގޮތް ސިފަތަކެއް ހުންނަ ވެރިކަމުގެ ނިޒާމެކެވެ.

ހޮންގްކޮންގް

2047 ވަނަ އަހަރާ ހަމައަށް އެނިޒާމާ އެއްގޮތަށް ހޮންގްކޮންގައި ވެރިކަން ކުރުން ހޮންގްކޮންގެ މިނިވަންކަމާބެހޭގޮތުން 1997 ވަނައަހަރު ޗައިނާއާއި އިނގިރޭސިވިލާތުން ސޮއިކުރި އެއްބަސްވުން ޗައިނާގެ މައްޗަށް ލާޒިމު ކުރެއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމާއެކު ޗައިނާ ވެގެންދިޔައީ ވެރިކަމުގެ ދެ ނިޒާމެއް އޮންނަ ހަމައެކަނި ގައުމު ކަމުގައެވެ. ދެ ނިޒާމުގެ އެއް ޗައިނާ ގެ ގޮތުގައެވެ.

ޗައިނާގެ މައި ބައްރުގައި ކޮމިއުނިސްޓް އުސޫލުގެ ވެރިކަމުގެ ނިޒާމެއް އޮންނައިރު ހޮންގްކޮންގްގައި އޮންނަނީ ރައްޔިތުން އިންތިޚާބުކުރާ ޕާލަމެންޓެއް އޮންނަ އަދި ޕާލަމެންޓަށް ބޮޑެތި ބާރުތަކެއް ލިބިދޭ (ކޮންމެވެސް ވަރެއްގެ ޑިމޮކްރެޓިކް އުސޫލުތަކެއް ހިމެނޭ) ވެރިކަމުގެ ނިޒާމެކެވެ. ނަމަވެސް ހޮންގްކޮންގް ވެރިޔާ ނުވަތަ ޗީފް އެގްޒެކެޓިވްއަކީ ޗައިނާ ސަރުކާރުން އައްޔަން ކުރާ ބޭފުޅެކެވެ. އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރުގައި ޗީފް އެގްޒެކެޓިވް އައްޔަން ކުރަނީ އިނގިރޭސި ސަރުކާރުންނެވެ. އެއް އިރެއްގައިވެސް ޗީފް އެގްޒެކެޓިވް އަކީ އިންތިޚާބުކުރާ ވެރިއެއް ނޫނެވެ.

ޗައިނާއާއި އިނގިރޭސިވިލާތުން ސޮއިކުރި ހޮންގްކޮންގް ގެ މިނިވަންކަމާބެހޭ އެއްބަސްވުމުގެ ދަށުން ޗައިނާގެ ސިޔާދަތުގެ ދަށަށް ހޮންގްކޮންގް އައުމަށްފަހުވެސް ޗައިނާ އަމަލުކުރަމުން ގެންދަނީ އެއެއްބަސްވުމުގައިވާ ގޮތަށެވެ. 50 އަހަރަށް ދެމިގެންދާ އެ އެއްބަސްވުމުގައިވާ ގޮތުން ހޮންގްކޮންގްގައި ތަންފީޒުކުރާ ގާނޫނުތައް އެކުލަވާލާނީ ހޮންގްކޮންގްގެ ޕަލަމެންޓުންނެވެ. އެގާނޫނުތައް ތަންފީޒު ކުރަނީ ހޮންގްކޮންގްގެ ލޯކަލް ސަރުކާރުންނެވެ. ނަމަވެސް ހޮންގްކޮންގެ އަމަނާއި ސަލާމަތާބެހޭ ކަންތައްތަކާ އަދި ޚާރިޖީ ގުޅުންތަކުގެ ބާރު އެއެއްބަސްވުމުގެ ދަށުން ލިބިދީފައިވަނީ ޗައިނާއަށެވެ.

ގައުމީ ސަލާމަތާބެހޭ ގާނޫނުގެ ނަމުގައި ޗައިނާގެ ޕާލަމެންޓުން ހޮންގްކޮންގްގައި ތަންފީޒު ކުރަން ޗައިނާ ބޭނުންވާ ގާނޫނު ޗައިނާގެ ޕާލަމެންޓުން މިއަދު ފާސްކުރިއިރު އެއީ މިއެއްބަސްވުމާ ފުށުއަރާ ގާނޫނެއްކަމަށް ބުނެ އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ އެކަން ކުށްވެރިކޮށްފައެވެ.

ނަމަވެސް ޗައިނާ ބުނަނީ މި ގާނޫނުގެ ބޭނުމަކީ ބޭރުގެ ތާއީދާއެކު ހޮންކޮންގްގައި ހިނގަމުން ގެންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުންކަމުގައެވެ. ވަކިވެގަތުމުގެ ހަރަކާތަކީ ހޮންކޮންގްގައި އޮންނަ ޗައިނާގެ ސިޔާދަތަށް ނުރައްކާ ކުރާ ކަމަކަށްވާތީ ހޮންކޮންގްގައި ޗައިނާގެ ސިޔާދަތު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަޅުތައް އެޅުމަކީ އެ އެއްބަސްވުމުގައި ޗައިނާއަށް ލިބިދޭ ހައްގެއް ކަމަށްވެސް ޗައިނާ ބުނެއެވެ.

ހޮންގްކޮންގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެއަހަރުގެ ފަހުކޮޅާ ހަމައަށް ކުރި މުޒާހަރާތަކަކީ އެމެރިކާއާއި އިނގިރޭސިވިލާތް އަޑީގައި ތިބެގެން ހޮންގްގް ޗައިނާގެ ސިޔާދަތުގެ ދަށުން ހޮންކޮންގް ނެރުމުގެ މަގްސަދުގައި ކުރި މުޒާހަރާތަކެއް ކަމަށާ މުޒާހަރާކުރާ ފަރާތްތަކުން ތިބީ އަދިވެސް އެކަން ކުރިޔަށް ގެންދާގޮތަށް ކަމަށް ޗައިނާ ބުނެއެވެ. އަނެއްކޮޅުން ހޮންގްކޮންގްގެ މުޒާހަރާތަކަށް އިނގިރޭސީން ހިއްވަރު ދިނުމަކީވެސް ހޮންގްކޮންގް ގެ މިނިވަންކަމާބެހޭ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ޗައިނާ ދެކެއެވެ.

މުޒާހަރާތައް އަހަރަކަށް ދިގުދެމިގެން ދިޔައިރު މުޒާހަރާތަކުގެ ބައިވެރިންވަނީ ހޮންގްކޮންގް ޗައިނާގެ ކިބައިން މިނިވަންކޮށް ވަކި ދައުލަތެއް އުފައްދައި ވަކިވެގަތުމަށް ފާޅުގައި ގޮވާލާފައެވެ. މިއީ އެއްވެސް ހާލެއްގައި ފުރުސަތު ދޭނެކަމެއް ނޫންކަމަށާ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވާނެކަމުގެ އިންޒާރުތައް ޗައިނާގެ މަސްއޫލުވެރިން އެދުވަސްވަރު ދެއްވާފައިވެއެވެ.

ނަމަވެސް އެ އިންޒާރުތައް ޗައިނާއިން ތަންފީޒު ކޮށްފައެއް ނުވެއެވެ. މުޒާހަރާކުރި މީހުން ތަންތަނުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތައް ހިންގިއިރުވެސް ޗައިނާއިން އެމީހުންނާ މުއާމަލާތްކޮށްފައިވަނީ ވަރަށް މަޑުމައިތިިރި ގޮތަކަށެވެ. އެހާބޮޑަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެއެވެ. ބާރުގެ ބޭނުން ނުކުރީ އިނގިރޭސީންނާއެކު ސޮއިކުރި އެއްބަސްވުމަށް އިޙްތިރާމް ކުރުމުގެ ގޮތުންކަމަށް ޗައިނާ ގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

ހޮންގްކޮންގްގައި ކުރިޔަށް ގެންދިޔަ ވަކިވެގަތުމަށް ގޮވާލާ މުޒާހަރާތައް ހުއްޓުނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހޮންގްކޮންގްގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެންނެވެ. ހޮންގްކޮންގް ގެ އަމަނާބެޙޭ ގާނޫނު ޗައިނާގެ ޕާލަމެންޓުން ފާސްކޮށްފައި މިވަނީ އެކަން ނުކުރުމަށް އެމެރިކާއިން ޗައިނާއަށް ހަރުކަށި އިންޒާރު ތަކެއް ދީފައިވަނިކޮށެވެ.

އެމެރިކާއިންވަނީ މި ގާނޫނު ތަންފީޒު ކުރުމަށް މަސައްކަތްކުރާ ޗައިނާގެ މަސްއޫލުވެރިން ނާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ. ނަމަވެސް އެކަމަށް ކުޑަވެސް ބެލުމެއްނެތި ޗައިނާއިން މިވަނީ އަމަނާބެހޭ ގާނޫނު ފާސްކޮށް ހޮންގްކޮންގްގައި އެ ގާނޫނު ތަންފީޒު ކުރަންވެސް ނިންމާފައެވެ.

މިމައްސަލާގައި އެމެރިކާއިން އިތުރު ފިޔަވަޅުތައް އަޅާނަމަ ރައްދުގައި އެމެރިކާއާ ދެކޮޅަށްވެސް ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު ޗައިނާއިންވަނީ ދީފައެވެ.

(ޒިންހުވާ + އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް