އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުން ކޯޓުން ދޫކޮށްލައިފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭޕް ކުރުމާއި ޖިންސީ ގޯނާއާ ދެކޮޅަށް އިއްޔެ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލި މައްސަލަ ހޫނުވެފައިވަނިކޮށް، އިއްޔެ ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީ ފެށި މުޒާހަރާއިން ފުލުހުން 22 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރިއެވެ.

އެ ދެ މީހުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހަމަނުޖެހުން ހިނގައި، ފުލުހުންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި އެ މީހުންގެ ބަންދުގެ މުއްދަތު އަޑުއެހުމުގައި، ކްރިމިނަލް ކޯޓުން ވަނީ އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ވަރުގެ ސަބަބެއް އޮތް ކަމަށް ނުފެންނާތީ އެ މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލައިފައެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެ ދެ މީހުންގެ ބަންދުން ދޫކުރުރުމުގެ އަމުރުގައިވާ ގޮތުން ފުލުހުން އެ ދެ މީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތުހުމަތެވެ. އޭގެ ތެރެއިން އެކަކުގެ އަމުރުގައިވާ ގޮތުން އޭނާއަށް ވައްކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ.

އިއްޔެގެ މުޒާހާރައިގައި، ބައިވެރިން ގޮވާލާފައިވަނީ، ޖިންސީ އަނިޔާގެ ކުށްތައް ހުއްޓުވުމަށް އިންސާފު ގާއިިމުކޮށްދިނުމަށާއި ނުފޫޒުވެރިން ހާމަކުރުމަށެވެ. އަދި ކަމާބެހޭ ފަރާތްތައް ޒިންމާދާރުވުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ.

ޖިންސީ އަނިޔާ ލިބުނު ބައެއް ފަރާތްތަކުގެ ތަޖުރިބާވެސް އެ މުޒާހާރައިގައި ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ، ވަރަށް ޅަ އުމުރުގައި އަނިޔާ ލިބި އިންސާފު ނުލިބި ތިބި ފަރާތްތަކެވެ.

comment ކޮމެންޓް