ރޭޕް ކުރި ކުޑަކުއްޖަކު ބަނޑުބޮޑުވެއްޖެ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން މައްސަލަ ބަލަނީ

ރޭޕްކުރުމާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން އެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުޑަކުއްޖަކު ރޭޕް ކުރުމުގެ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، އަނިޔާ ލިބޭ ކުދިންގެ އަތޮޅާއި ރަށުގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެެ. އެއީ އެ ކުދިންގެ ވަނަވަރު ހާމަވެ، އެ ކުދިންގެ ކަރާމާތަށް އުނިކަން އައިސްދާނެ ކަމަކަށް ވެދާނެތީއެވެ.

ރޭޕްގެ ޝިކާރައަށް އަނެއްކާވެސް ކުޑަކުއްޖަކުވެފައިވާއިރު، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މަައްސަަލައަކާއި، ބްލްކްމެއިލްކޮށްގެން 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އޭގެ އިތުރުން، މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ކެންޔާގެ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މިފަދަ މައްސަލަތައް ގިނަވާތީ ޖިންސީ ގޯނާއާ ދެކޮޅަށް އިއްޔެ މާލޭގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް