ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު އޮފީސްތައް ނުހުޅުވާނެ

މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުން ބަދަލުކުރައްވައިފިއެވެ.

މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށް ރައީސް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން ފަހުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އަދި އެ މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު، އާންމުކޮށް ހުޅުވާނުލި ނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެ އިދާރާއަކުން ދިނުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ހިދުމަތްތައް ދޭނީ އެ އޮފީހަކުން ދޭ ހިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވެސް ރައީސް ވަނީ އަންގަވައިފައެވެ.

ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ހިދުމަތްތައް ގޭގައި ތިބެގެން ދިނުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވައިފައެވެ.

comment ކޮމެންޓް