ކައުންސިލް އިންތިހާބު: ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ފެބްރުއަރީ 20، 2020: ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ އެޕްލިކޭޝަން ފޯމް ބަލައިގަތުން -- ސަން ފޮޓޯ / އަހްމަދު ސައީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އިލެކްޝަންސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހާތަނަށް ފަސް ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިިވާ ކަމަށެވެ. އިލެކްޝަންސް އިން ވަނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުން:

1. ލ. މާވަށު ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލީ ކެންޑިޑޭޓް، އަބްދުލްމަޖީދު މާހިރު، އެންދެރިމާގެ / ލ.މާވަށް (ކެންޑިޑޭޓު ނަންބަރު 5)

2. ށ. މަރޮށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލީ ކެންޑިޑޭޓު، ނަސްފާ މުހައްމަދު ސައީދު، ދުންފިނިގެ / ށ.މަރޮށި (ކެންޑިޑޭޓް ނަމްބަރު 8)

3. ގއ. ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ކެންޑިޑޭޓު، ފާތިމަތު ސާއިގާ ހާލިދު، ދޯދި / ގއ. ކޮނޑޭ (ކެންޑިޑޭޓް ނަންބަރު 9)

4. އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލީ ކެންޑިޑޭޓު، ހަސަން ނާފިއު، ދެތަޑިމާގެ / އއ. ބޮޑުފޮޅުދޫ (ކެންޑިޑޭޓް ނަމްބަރު 8)

5. ނ. މާޅެންދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލީ ކެންޑިޑޭޓު، މުހައްމަދު ރަޝީދު، ރިސާދު / ނ.މާޅެންދޫ (ކެންޑިޑޭޓު ނަންބަރު 10)

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

އަދި މުއްދަތު ހަމަވާ ތާރީހު ވާންވާނީ، އިންތިހާބު އޮންނަ ތާރީހުގެ 30 ދުވަހުގެ ކުރިއަށް އޮންނަ ތާރީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް، އެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ކަމުގައި ބަލާނީ، ކޮމިޝަނުން ފޯމުގެ ސައްހަކަން ކަށަވަރުކޮށް، އެ ހުށަހެޅުން ގަބޫލުކުރުމުންނެވެ.

ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް، އެ ކެންޑިޑޭޓު ކުރިމަތިލައިފައިވާ ކައުންސިލް ނުވަތަ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތަކަށް ބަދަލު ނާންނާނެ ކަމަށް އުސޫލުގައިވެއެވެ.

ފަސްކޮށްފައިވާ އިންތިހާބު ބާއްވާނެ ތަރީހެއް އަދި ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ކައުންސިލް އިންތިހާބު ނިމުމާއި ހަމައަށް އަމަލުކުރާނެ ހާއްސަ ގާނޫނެއް ތަސްދީގުކޮށްފައި ވާއިރު، އެ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަންޖެހޭނެ އެވެ.

comment ކޮމެންޓް