ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

އޭޕްރީލް 5، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މިރޭގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރ އާއި ރެޑް ކްރެސެންޓްގެ ފަރާތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް، ކުދިންގެ ފޮޓޯއާއި ވީޑިއޯ އަދި މައުލޫމާތު އާންމުކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޖެންޑާ މިނިސްޓްރީން ދީފި އެވެ.

ކުޑަ ދެކުއްޖަކު އުމުރާ ނުގުޅޭ އަމަލެއް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދަރުކުރަން ފަށައިފަ އެވެ. އަދި ޖެންޑާ އާއި ކަމާގުޅޭ އެހެން މުއައްސަސާތައް ގުޅިގެން މިހާރު އަންނަނީ މައްސަލަ ބަލަމުންނެވެ.

މީގެކުރިން ވެސް ކުޑަ ދެ ކުދިންގެ އެފަދަ ވީޑިއޯއެއް ވަނީ ބަޔަކު އާންމުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނާ ނުގުޅޭ މިފަދަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުކުރުވުމަކީ ކުޑަކުދިންގެ މަސްލަހަތާއި އެކުދިންގެ ކަރާމާތާއި އެކުދިންގެ ހެދިބޮޑުވުމަަށް ނޭދެވޭ އަސަރު ފޯރާނޭ ކަމެއް ކަމަށެވެ.

އެހެންވުމުން އެފަދަ ވީޑިއޯ މީސްމީޑިއާގައި ދައުރު ކުރުވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ ހައްގެއް ކަމުގައި ބަޔާންކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ހަމަ އެ ގާނޫނުގައި 33 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެންނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ޖެންޑާގެ ބަޔާނުގައި ބުނެފައި އެފަދަ ފޮޓޯ އާއި ވީޑިއޯ އަދި އެހެންވެސް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުުލޫމާތު އާންމު ކުރާ މީހުންނަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެެއް ކަމަށެވެ.

އެފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝަމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް