މިއަދުވެސް ބަންގަލަދޭޝްގެ 200 މީހަކު ފުރުވާލައިފި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު ގައުމަށް ފުރުވާލައިފިއެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން، ހިންގާ މި އޮޕަރޭޝަނުގެ ދަށުން މިހަތަނަށް 3000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް ފުރުވާލާފައިވެއެވެ. އޭގެ ތެރޭ ސައްހަ ލިޔެކިޔުން ނެތް 2500 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.

މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނީ، މިއަދު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާއަށް ފުރި މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުގައި 200 މީހަކު ފުރާފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ބުނެފައިވަ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް ރާއްޖެއިން 2،336 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ 1،219 މީހުން ހިމެނެއެވެ. އަދި ބަލީގައި ރާއްޖެއިން މަރުވި ނުވަ މީހުންގެ ތެރޭގައި ވެސް އެ ގައުމުގެ ހަތަރު މީހުން ހިމެނެއެވެ.

comment ކޮމެންޓް