ކޮވިޑް19ގައި ރާއްޖެއިން ނުވަ ވަނަ މީހަކު މަރުވެއްޖެ

މެއި 27، 2020: ސާމްޕަލް ނެގުމަށް އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި ނުވަ ވަނަ މީހާއެވެ.

މަރުވެފައި ވަނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 43 އަހަރުގެ ފިލިޕީންސްގެ ރައްޔިތެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ހޯދަމުން ދަނިކޮށް، މިއަދު 1:50 ގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކޮވިޑް19 ޑޭޓާބޭސްގައި މައުުލޫމާތުން އެނގޭ ގޮތުގަައި، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ފިލިޕީންސްގެ އެންމެ މީހެކެވެ.

މީގެކުރިން ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ހަތަރު ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ބަލިމީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ހާލު ބޮޑު ތިން މީހުން އިއްޔެ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 2،337 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 1،927 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

comment ކޮމެންޓް