އަމިއްލަ ޕްރީސްކޫލުތަކަށާއި ގުރުއާން ކްލާސްތަކަށް މާލީއެހީ ދެނީ

ރަސްދޫގައި ހިންގާ ޕްރީސްކޫލްގެ ކްލާހެއްގައި ދަރިވަރުންތަކަކާ އެކު ޓީޗަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ރަސްދޫ ކައުންސިލް

ކޮވިޑް19 ގެ ސަބަބުން ގުރުއާން ކްލާސްތކާއި އަމިއްލަ ޕްރީސްކޫލުތަކަށް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވުމަށް އެފަދަ ތަންތަނަށް މާލީ އެހީ ދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގުުރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް މާލީ އެހީދިނުމަށް ޒަކާރު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މި އެހީއަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރުވެސް މިނިސްޓްރީ އިން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ގުރުއާން ކްލާސްތަކަށް ޖުމްލަ ފަސް ލައްކަ ރުފިޔަ އަދި ޕްރީ ސްކޫލުތަކަށް ޖުމްލަ އެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މި އުސޫލުގެ ދަށުން އެހީގެ ފައިސާ ދޭން ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ރެޖިސްޓްރީ ކޮށްގެން ހިންގާގުރުއާން ކްލާސްތަކަށާއި، އަމިއްލަ ޕްރީ ސްކޫލުތައް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށެވެ.

މީގެ އިތުރުން ޕްރީ ސްކޫލަކީ މިނިސްޓްރީގެ މީމިސްގައި ރަޖިސްޓްރީވެ، ދަރިވަރުންވެސް އެ ސިސްޓަމުގައި ރެޖިސްޓްރީކޮށްފައިވާ ސްކޫލަކަށް ވާންޖެޖޭނެ ކަމަށާއި ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެ، 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ޕްރީސްކޫލަކަށް ވާންޖެހޭނެ ކަމަށް އުސޫލު ބުނެ އެވެ.

އުސޫލުގައި ބުނީ ފައިސާ ދިނުމުގައި، ދައިސާ ދޭންޖެހޭ ދަރިވަރުން ކަށަވަރު ކުރާނީ މީމިސް ސިސްޓަމުގެ ތެރެއިން ކަމަށެވެ. މިހާތަނަށް މީމިސްގައި ރެޖިސްޓްރީ ނުވާ ފަރާތެއްނަމަ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ ވުމަށް ވަނީ ފުރުސަތު ދީފަ އެވެ.

މި އެހީއަށް އެދި ހުށަހަޅާ ގުުރުއާން ކްލާހަކީ 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ، އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ގުރުއާން ކްލާހުން އެހީ ހޯދުމަށް ފޯމު ހުށަހަޅާއިރު، ރަށުކައުންސިލުން، އެ ކްލާހަށް ހާޒިރުވާ ދަރިވަރުންގެ މައުލޫމާތުއެކުލެވޭ ލިސްޓެއް ކައުންސިލްގެ ތައްގަނޑު ޖަހައި ކައުންސިލްގެ ރައީސްގެ ސޮޔާޢެކު ފޮނުވަންޖެހެއެވެ.

މިނިސްޓްރީ އިން ބުނީ މި އެހީއަކީ ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމަށް ހަރަދުކުރެވޭ ފައިސާ އަށް ވާންވާނެ ކަމަށެވެ.

މި ފައިސާގެ އެހީދިނުމުގައި މާކްސްދޭނެ އުސޫލުތައްވެސް ވަނީ ކަނޑައަޅައިފައެވެ.

ފައިސާގެ އެހީއަށް އެދި ހުށަހަޅާ އަމިއްލަ ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަ ކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލް ކުރަން ޖެހެއެވެ.

އީމެއިލް އެޑްރެހަކީ [email protected] އެވެ.

comment ކޮމެންޓް