ނުރައްކަލުން ސަލާމަތްވާން ސިޔާސަތު ކަނޑައަޅާނީ ސިއްހީ މާހިރުންނެއް ނޫން: މަޖިލިސް ރައީސް

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ސިއްހީ މާހިރުންނަކީ ބަލިމަޑުކަމެއްގެ ނުރައްކާތެރިކަން އޮތް މިންވަރު ބުނެދޭން ތިބި ބައެއް ކަަމަށާއި، މާހިރުންގެ ލަފަޔާއެކު ސިޔާސަތު ކަނޑައެޅުމަކީ ރައްޔިތުންހެ މަޖިލީހުގެ މަސްއޫލިއްޔަތު ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުންނެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.

އެ ބިލާ ގުޅިގެން، މަޖިލީހަށް ނެތް ބާރެއް މަޖިލީހުން ބާރެއް ނަގަން މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ބިލަށް މިއަދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހަކީ ކޮންމެ ފަންނީ ކަމެއްގެ މާހިރުން ތިބޭ ތަނެއް ނޫން ކަމަށާއި މަޖިލީހަކީ ސިޔާސީ މީހުން ތިބޭ ތަނެއް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ އެންމެ ބޮޑު މަސައްކަތަކީ ފަންނީ މާހިރުންގެ ކައިރިން ކަންކަން އޮޅުންފިލުވައިގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ކަންކަން ކުރަމުން ގެންދިއުން ކަމަށެވެ.

އަދި މަޖިލީހުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބުނާނީ މަޖިލީހުގެ މެމްބަރުންގެ ނަޒަރުގައި، އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ކަމަށް ފެންނާތީ ކަމަށެވެ.

"އެހެންވީމަ ރާއްޖޭގެ ރައްޔިތުން ބަލިމަޑުކަމަކަށް ނުރައްކާތެރި ކަމަކަށް ސަމާލުވާން އެދޭ މިންވަރު އެއީ އަޅުގަނޑު ހިތުން ސިއްހީ މާހިރުން ދޭ ލަފަޔާ، އެ ލަފާ ލިބުމުން އެ ލަފާގައި އެ ބުނާ ނުރައްކަލުން ސަލާމަތްވުމަށް ރައްޔިތުން އެދޭ މިންވަރަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ނިންމަން ޖެހޭ. ސިއްހީ މާހިރުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެއީ ފާހަގަކޮށްދިނުން ނުރައްކަލުގެ މިންވަރު. އެ ނުރައްކަލުގެ މިންވަރު އެނގުމުން ދެން އެ ނުރައްކަލުން ސަލާމަތްވުމަށް އަޅުގަޑުމެން އެދޭ މިންވަރު، ނިންމާ މިންވަރުގެ ސިޔާސަތު ކަނޑައެޅުން އެއީ ސިއްހީ ކަމެއް ނޫން، އެއީ ގައުމެއް ހިންގުމާ ގުޅޭގޮތުން އޮންނަ ކަމެއް ގޮތުގައި އަޅުގަނޑަށް ވެސް ފެންނަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މެމްބަރު ހުށަހެޅުއްވި ބިލުގައި ގާނޫނީ މައްސަލައެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ނަމްބަރުތަކެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކުރި ނަމަވެސް ވަކިކަންކަން ކުރުމުގެ ބާރު މަޖިލީހަށް ލިބިދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރުވެސް މަޖިލީހަށް ލިބިދެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

މަޖިލީހަށް ލިބިދެވޭ ބާރުތައް

  • ގަރާރުގެ ވަކިބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުން
  • މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުން
  • ގަރާރު ބާތިލުކުރުން
  • މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން

ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެފަދަ ހާލަތެއްގައި ހަރަދުކުރާނެ ގޮތެއްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލެއް ދިމާވާ ހާލަތުގައި ހޭދަކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ނަމަ އަދި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް ފައިސާ ބޭނުންވާ ނަމަ ފައިސާ ބޭނުންވާ މިންވަރެއް ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަޅަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަ ކުރާ މިންވަރަކަށް ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެފައިސާ ބޭނުން ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައިވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

comment ކޮމެންޓް