ދުންޔާގެ ސުވާލެއް: ރޭޕް މައްސަލަތަކުގެ ކުށްވެރިން އަބަދު ދޫވަނީ ކީއްވެ؟

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން--- ސަން ފޮޓޯ

ރާއްޖޭގައި ހިނގާ އެތައް ރޭޕް ކޭސްތަކާ ގުޅިގެން އެފަދަ މައްސަލަތަކުގައި ހިމެނޭ ކުށްވެރިން އަބަދުވެސް ދޫވަމުންދާ މައްސަލާއާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައި، ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި ދާދި ފަހުން ރޭޕްގެ ގިނަ ކޭސްތަކެއް ފެންމަތިވެފައިވާއިރު އެ ކޭސްތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ގިނަ ބަޔަކުވެސް ވަނީ ދޫކޮށްލާފައެވެ. އެދެވިގެންވާ އަދަދަށް ހެކި ނެތިގެން ނުވަތަ އެނޫންވެސް ސަބަބަކާ ގުޅިގެން އެފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން ދޫކޮށްލާ މައްސަލަ ހޫނުވެ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

ރޭޕްގެ މައްސަލައިގައި ހައްޔަރުކުރާ މީހުން ދޫކުރާ މައްސަލައިގައި ދުންޔާވެސް ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. އެގޮތުން ދުންޔާގެ އޮތް އެންމެ ބޮޑު ސުވާލަކީ އެފަދަ ކުށްވެރިން އަބަދުވެސް ދޫވާ ސަބަބަކީ ކޮބައިކަމާ ގުޅިގެންނެވެ.

ދުންޔާ ވިދާޅުވެފައިވަނީ ރޭޕް އަދި ޖެންޑާ ވައިލެންސްއާ ދެކޮޅަށް އެތައް އަހަރެއް ވަންދެއް ކުރަމުން ގެންދިޔަ ވަކާލާތާއެކުގައިވެސް ޖަސްޓިސް ސިސްޓަމް ދަނީ ފެއިލްވަމުން ކަމަށެވެ.

"އަދި ހަމަ އޭގެ އިތުރުން ފެނިގެން މިދަނީ އެފަދަ [ރޭޕްގެ މައްސަލަތައް] ކަންތައްތައް ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުމަށް ނުކުޅެދޭ މަންޒަރު،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ދެކިލައްވާ ގޮތުގައި އެފަދަ މައްސަލަތައް ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ނުދެކެއެވެ. އަދި އެކަމާ ގުޅޭ ޕްރޮޓޯކްލްތަކަށް އަމަލު ނުކުރާ ކަމަށްވެސް ދުންޔާ ފާހަގަކުރައްވާފައިވެއެވެ.

"ރާއްޖޭގައި އަސްލު ސިޔާސީ ބޭފުޅުން ހައްޔަރުކުރުމަށް ވަރަށް އަވަސް، އެހެންނަމަވެސް މިފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ވަރަށް ފަސޭހަގޮތްތަކެއް އޮންނަހެން ހީވަނީ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ރޭޕް ފަދަ މައްސަލަތަކަކަކީ ގައުމުގެ އެތައް ޒުވާނުންގެ ކަންބޮޑުވުންތަކެއް ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަކީ އެ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް ކަމުގައި ދުންޔާ ފާހަގަކުރެއްވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ މުޅި ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަށް ވާ މީހުން ކަމަށެވެ. އަދި އެ މަންޒަރު އަދިވެސް ރާއްޖެއިން ފެނިގެންދާ ކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް