މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދީފި

މާޗް 10، 2020: ހުޅުމާލޭ ފޭސް 2ގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާގެ މިނިސްޓަރު ކަމަށް، މިނިސްޓަރު މުހައްމަދު އަސްލަމަށް ރައްޔިތުންްގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 65 މެމްބަރުންގެ އިއްތިފާގުންނެވެ. އަސްލަމަށް ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އަސްލަމަށް ރުހުން ދިނުމުގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ" އަށް ބަދަލުކުރުމާ ގުޅޭ މައްސަލައަށް ވެސް މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ.

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށް، އުފެއްދެވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރުކަމަށް މުހައްމަދު އަސްލަމް އައްޔަނު ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ އުވާލައި، އެތަނުގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު، ސިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ކަންތައް ހިންގާފައިވަނީ އެއް މިނިސްޓްރީއެއްގެ ދަށުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވުޒާރާތައް އެކުލަވާލި އިރު ހައުސިންގްއާ ބެހޭ ކަންކަމަށާއި ނޭޝަނަލް ޕްލޭނިންގް އަދި އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ދެ ވުޒާރާއެއްގެ ދަށުން ކުރިއަށް ގެންދަވަން ނިންމަވައި، ދެ ވުޒާރާއެއް އުފެއްދެވީއެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައިވެސް ގެދޮރާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވަޔަރަމަންޓް)ގެ މިނިސްޓަރުކަމުގައި ހުންނެވީ އަސްލަމްއެވެ.

comment ކޮމެންޓް