ކަޝްމީރުގެ ހުރިޔަތު ކޮންފަރެންސްއިން ގިލާނީ ވަކިވެއްޖެ

ސައީދު އަލީ ގިލާނީ ވަނި ހުރިޔަތު ކޮންފަރެންސްއިން ވަކިވާން ނިންމަވާފަ -- ފޮޓޯ: ގެޓީ

ސްރީނަގަރު (ޖޫން 30): ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލާ އެލަޔަންސެއް ކަމަށްވާ އޯލް ޕާޓީސް ހުރިޔަތު ކޮންފަރެންސްގެ ލީޑަރެއް ކަމަށްވާ ސައީދު އަލީ ގިލާނީ، އެ އެލަޔަންސުގައި އޮންނަ އޭނާގެ ފެކްޝަނުން ވަކިވެއްޖެ އެވެ.

އުމުރުން 91 އަހަރުގެ ގިލާނީ ވިދާޅުވި ގޮތުގައި އޭނާ އެ ފެކްޝަނުން ވަކި ވަނީ ހުރިޔަތު ކޮންފަރެންސް މިހާރު އޮތް ހާލަތުގެ ސަބަބުންނެވެ. އަދި އޭނާ ވަނީ އޭނާގެ ފެކްޝަނުގައި ދެން ތިބި ލީޑަރުންނާ ބެހޭ ގޮތުން ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ.

އެގޮތުން އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް މިދިޔަ އޮގަސްޓު މަހު އުވާލުމުން އެ ލީޑަރުން އެކަށީގެންވާ ވަރަށް އެކަމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށާއި އެމީހުންގެ އަހުލާގައި ޒިންމާދާރުކަން ކުޑަ ކަމަށް ވިދާޅުވެފަ އެވެ.

"ހުރިޔަތު ކޮންފަރެންސްގެ މިހާރުގެ ހާލަތަށް ބަަލައި، އަޅުގަނޑު މި ފޯރަމުން ވަކިވާން ނިންމިކަން އިއުލާން ކުރަން،" ގިލާނީގެ އޯޑިއޯ މެސެޖެއްގައިވެ އެވެ.

އިންޑިއާއިން ކަޝްމީރުގެ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް ފަހު އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ވަނީ ހަދާފަ އެވެ. އެ ބަދަލު ގެނައުމުގެ ކުރިންނާއި ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގައި އޮތް އެގައުމުގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ގޭ ބަންދުކޮށް ނުވަތަ ޖަލަށް ލާފަ އެވެ.

ގިލާނީ ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތަކަށް ފަހުވެސް މިނިވަންކޮށް ތިބި ހުރިޔަތުގެ ލީޑަރުންނާ އޭނާ މަޝްވަރާ ކުރައްވަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެމީހުންނާ ގުޅޭނެ ގޮތެއް ނުވެ އެވެ. އަދި އެ މީހުންގެ މައްޗަށް ފައިސާތަކެއް ނުހައްގުން ހޭދަ ކުރުމުގެ ތުހުމަތުތަކެއް ކުރެވުމުން އެ މީހުން ވަނީ ގިލާނީގެ ލީޑާޝިޕާ ދެކޮޅަށް ތެދުވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ތުހުމަތުތަކާ ބެހޭ ތަފްސީލެއް ގިލާނީ ނުދެއްވަ އެވެ.

ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް ސިޔާސީ ޕްލެޓްފޯމެއްގެ ގޮތުގައި ހުރިޔަތު ކޮންފަރެންސް އުފެއްދީ 1993ގަ އެވެ. އަދި އެ ކޮންފަރެންސަށް ސިޔާސީ އަދި ދީނީ ޖަމާއަތްތައް ގެނައުމުގައި ގިލާނީ އިސް ދައުރެއް އަދާ ކުރެއްވި އެވެ.

ނަމަވެސް އެ އެލަޔަންސުގެ ބައެއް މެމްބަރުން އިންޑިއާއާ އެކު މަޝްވަރާތައް ބޭއްވުމާ ގުޅިގެން ގިލާނީ އާއި އޭނާއަށް ތާއިދު ކުރާ މީހުން 2003ގައި ވަކި ފެކްޝަނެއް އުފެއްދި އެވެ. އަދި 24 ގުރޫޕެއް ހިމެނޭ އެ ފެކްޝަންގެ ޗެއާމަން ކަމަށް ގިލާނީ އައްޔަން ކުރި އެވެ.

ދެހާސްދިހައެއްގެ ފަހުން ގިނައިން ގޭ ބަންދުގައި ބަހައްޓާފައިވާ ގިލާނީ ތާއިދު ކުރައްވަނީ ކަޝްމީރު ޕާކިސްތާނުގެ ބަޔަކަށް ހެދުމަށެވެ. އަދި އޭނާ ދެކި ލައްވާ ގޮތުގައި އިންޑިއާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ކުރިން، ކަޝްމީރު އިންޑިއާގެ ބާރުގެ ދަށުގައި އޮތުމާ ބެހޭ ގޮތުން މީހުންގެ ހިޔާލު ހޯދުމަށް އެ ސަރަހައްދުގައި ވޯޓެއް ނަގަން ޖެހެ އެވެ.

comment ކޮމެންޓް