އުތުރާ ދެކުނު ގުޅާލާ އައްޑޫ-ކުޅުދުއްފުށި ދަތުރުތައް މޯލްޑިވިއަން އިން ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭހެ އުތުރާއި ދެކުނު ވައިގެ މަގުން ގުޅާލާ، އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ދަތުރުތައް ފަށަން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1444 ރުފިޔާ ކަމަށެވެ.

ކުޅުދުއްފުއްޓާ އައްޑޫ އާއި ދެމެދު ކޮންމެ ބުރާސްފަތި ދުވަހަކު ދަތުރު އޮންނާނެ އެވެ. އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރު އޮންނާނީ ކޮންމެ ހޮނިހިރު ދުވަހު އެވެ.

މި ދަތުރުތަކުގައި ބޯޓަށް ތެޔޮއަޅަން ވީއައިއޭގައި 20 މިނެޓުގެ ޓްރާންސިޓެއް ހަދާނެ އެވެ. މި ވަގުތުގައި ފަސިންޖަރުން ތިބޭނީ ބޯޓުގައި ކަމަށް އެ އެއާލައިނުން ބުންޏެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް އިތުރާއި ދެކުނުގައި އިގްތިސޯދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ އިތުރު ސަރަހައްދުތައް ގުލާލުމަށްވެސް ދަތުރުތައް ޝެޑިއުލް ކުރާނެ ކަމަށެވެ. އެގޮތުން ދަރަވަންދޫ އިން ހަނިމާދޫ އަށް އަދި ތިމަރަފުށިން ކައްދޫ އަށްވެސް ދަތުރު ޝެޑިއުލް ކޮށްފައިވާނެ ކަމަށް މޯލްޑިވއަން އިން ބުންޏެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ގދ މާވާރުލު އެއާޕޯޓު ހުޅުވާއިރު މާވާރުލު ދަތުރުތަކަށްވެސް މޯލްޑިވިއަން އިން ދަނީ ޓިކެޓި ވިއްކަމުންނެވެ. އެ އެއާލައިނުން ރާއްޖޭގެ 15 މަންޒިލަކަށް ދަތުރު ކުރެ އެވެ.

އަލުން ދަތުރުތައް ފަށާއިރު މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕްލިކޭޝަނުން މިހާރު ޓިކެޓު ގަނެވޭނެ އެވެ.

comment ކޮމެންޓް