ޕޯޓު އަޅަންވީ ތިލަފުށީގައި، ގުޅީފަޅުން ދޫކުރަންވީ ގޯއްޗާއި ފްލެޓު: މުއިއްޒު

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ފާޑު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ނިންމާފައިވަނީ މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކޮށް ތިލަފުއްޓައި ގުޅީފަޅު އަދި ވިލިމާލެ އާއި މާލެ ބްރިޖަކުން ގުޅާލުމަށެވެ. ގުޅީފަޅުގައި ބަނދަރު ހެދުމަށް އެތަން ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށައިފަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅީފަޅަކީ ކުރު މުއްދަތެއްގައި ފުރޭނެ، ވަގުތީ ޕޯޓެއް ކަމަށެވެ. މި ސަރަހައްދުގެ އެންމެ ބޮޑު ޕޯޓު ހެދުމުގެ ޖާގަ ތިލަފުށީގައިއެބައޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި، ރައީސް ޔާމީން ނިންމެވިގޮތަށް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ގުޅީފަޅާއި ފުށިދިއްގަރު ފަޅު ހިއްކައިގެން ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދޫކުރުމަށް މުއިއްޒު ވަނީ ގޮވާލައްވައިފަ އެވެ.

ކުރީ ސަރުކާރުގައި ހިޔާ އެކޮމްޕްލިޝްޑްގެ ނަމުގައި މަޝްރޫއެއް އިފްތިތާހުކޮށް، 82000 ފްލެޓު އިމާރާތް ކުރާނެ ކަމަށް ކުރީ ސަރުކާރުގައި ވަނީ އިއުލާން ކޮށްފަ އެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ސީ ޕޯޓު އަޅަންވެސް ވަނީ ނިންމައިފަ އެވެ.

މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ ބަދަލުގައި އެތަން ބަދަލުކުރަންވީ ތިލަފުއްޓަށްކަމަށް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދު ބްރިޖަކުން ގުޅާލާ،ކޮމާޝަލް ޕޯޓު ގުޅީފަޅުގައި އެޅުމަށެވެ. އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގުޅިފަޅު ބަނދަރު ތަރައްގީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ.

ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.

އަލަށް ހިއްކުމަށް ފަހު ގުޅީފަޅު ތަރައްގީކުރާއިރު އެތަނުން މާލޭ މީހުންނަށް ގޯތި ދޫކުރުމާމެދު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހައުސިންގް، ޕްލޭނިންގް އަދި އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް