ސަފާރީ ކޭސް: ފުލުހުން އަމަލުކުރިގޮތުގެ ތަހުގީގު ފަށައިފި

އޭޕްރީލް 15، 2020: ފުލުހުންނާއި ސިފައިން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުގެރޭ، ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް އިން ބަލަން ފަށައިފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން އިދާރާއިން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ޑިއުޓީގައި ކޮންމެ ފުލުހަކު ވެސް އަމަލުކުރަން ޖެހޭނީ މިނިވަންކަމާއެކު ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާގެ ބާރުތަކާއި ވަކިވަކި ފުލުހުން އަމަލުކުރަންޖެހޭ މިންގަނޑަކީ ގާނޫނުގައި ލިޔެވި، އަދި ގާނޫނީ އިޖުރާއަތްތަކުން ގާއިމުވެފައިވާ ކަންކަން ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

"މި މައްސަލައިގެ ތަހުގީގުގެ ނަތީޖާއަށް އިންތިޒާރުކުރަން،" ސީޕީ ވިދާޅުވި އެވެ.

ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ދެމީހުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ވެސް އަންނަނީ ބަލަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހާޒިރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ހައްޔަރުކުރި ދެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި ހައްޔަރު ކުރި ދުވަހު އެމީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށާއި މަައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް