2011: އިގްތިސޯދު ވާނުވާގައި އޮތް އަހަރެއް

ދެހާސް އެގާރަ ވަނަ އަހަރު ދިވެހިން ނިންމާލީ ޑޮލަރުގެ މައްސަލައާއި ޓެކްހުގެ ތެރޭގައި ނުތަނަވަސްވެ އިގުތިސޯދީ "ހެލުންގަނޑެއް"ގެ ތެރޭގައި ތިބެ އެވެ. އެއީ މުޅި މެކޭނިޒަމްގެ ބޮޑު ފެއިލްވުމެކެވެ. މަރުކަޒީ ބޭންކާއި ރައްޔިތުން މަޖިލީހުން ވިސްނުންތެރި މަސައްކަތްތަކެއް ނުކުރުމުގެ ނަތީޖާއިން ނުކުތް ސުމެކެވެ.


ރާއްޖޭގައި އުފެދި ބޮޑުވަމުން އައި ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ވޭތުވެ ދިޔަ 2011 ވަނަ އަހަރު ނިންމާލަން ދިވެހިންނަށް ޖެހުނީ ރާއްޖޭގެ އިގުތިސޯދަށް ދެން ވާނެ ގޮތް ނޭންގި ހާސްކަމެއްގެ ތެރޭގަ އެވެ. ވިޔަފާރި އާއި އިގްތިސޯދު ހަމަ މަގަށް ގެންދަން އެކުލަވައިލި "އިގްތިސޯދީ އިސްލާހީ އެޖެންޑާ"ގެ މުގުލުގައި ހުންނެވި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި އަދި ސްޓޭޓް މިނިސްޓަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވީ ޑިސެމްބަރު މަހުގެ ފަހު ހަފްތާގަ އެވެ. އޭގެ ކުރިޔަށް ފައިނޭންޝަލް ކޮންޓްރޯލާ އަތް ފޮޅާލެއްވުމަށް ފަހު ނުކުންނެވި އެވެ.

ޒުވާން ފިނޭންސް މިނިސްޓަރު އިނާޒްގެ މާލިމީ ކަމުގައި ގެނައި ބަދަލުތަކާއެކު ޖެނުއަރީ މަހު ނަގަން ފެށި ޓީޖީއެސްޓީ އާއި އެޕްރީލް މަހުގެ 10 ވަނަ ދުވަހު ޑޮލަރުގެ އަގު ބޮޑުކޮށް އޮކްޓޯބަރު މަހުތެރޭ އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގަންފެށި ތިން ޕަސެންޓްގެ ޖީއެސްޓީ އާއި ހަރަދުތައް ކުޑަކުރުމަށް ނެރެފައި ހުރި ސާކިއުލާތަކާއި އަދި 3.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓުން އިގްތިސޯދަށް ކުރާނެ އަސަރުތަށް މިއަދު އޮތީ "ވާނުވާ" ގައެވެ.
"މިހިރަ ކަންތައްތައް ހުރިގޮތަށް ހުއްޓާ މިހާރުގެ [އިކޮނޮމިކް] ޕޮލިސީ ސްޓްރެޓެޖައިޒްކޮށް މިކަންތައް ރޭއްވެވީ، އާ އިންކަމް ޓެކްސް ނަގާ ޖީއެސްޓީ ނަގާ މިކަންތައް، ބަޖެޓާ އެއްޗިހި ފަރުމާކުރެއްވި ފިނޭންސްމިނިސްޓަރެއް ނެތް. ކުއްލިއަކަށް މި އައީ ބަދަލުތަކެއް. އާ ޓެކްސްތަކާއި މި ބަދަލު ތަކަކީ ވަކި ވަޒީރެއްގެ ސިޔާސީ ސްޓްރެޓެޖީއެއް. އޭނައާއެކު މިކަންތައް ކުރެއްވުމަށް [ހުންނެވި] ސްޓޭޓް މިނިސްޓަރު ވެސް ނެތް. މި ދެ ބޭފުޅުން އެއްކޮށް ނިކުމެ ވަޑައިގެންފި. ދެން މި ފާސްކުރި 17 ބިލިއަން ރުފިޔާގެ އެކްސްޕެންސް [ހަރަދު] 14 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު އެ ސިޔާސަތުތައް ހިންގާނެ ބޭފުޅަކު ވެސް ނެތް،" އިގްތިސޯދީ މާހިރެއް ކަމައްވާ އަދި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވި އެވެ.

ވަޅު ޖެހިފައިވާ އިގްތިސޯދަށް ދިރުމެއް ގެންނަން ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން އިގްތިސޯދަށް ކުރިއެރުންތަކެއް ނައިއިރު މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އިގްތިސޯދަށް ނާންނަ ބޮޑެތި އާ ބަދަލުތަކަކާ ދިވެހިން ކުރި މަތިލާން ޖެހުނު އަހަރެކެވެ.

ހިފެހެއްޓިފައި އޮތް ބޭރު ފައިސާ ގާތްގަނޑަކަށް 10 އަހަރަށް ފަހު، ގަނެ ވިއްކާ އަގު ވަނީ ބޮޑުކޮށްފަ އެވެ. އެއާ އެކު ކަރަންސީ ޑިވެ ލިއުވެ، ނުވަތަ ރުފިޔާގެ އަގު އަށް މަސް ދުވަހުގެ ތެރޭ 20 ޕަސެންޓަށް ވެއްޓިގެން ދިޔަ އެވެ.
އަދި އެއާއެކު އިގްތިސޯދަށް ނުކޮށް ނުދާނެ ނޭދެވޭ އަސަރުތައް ވެސް ވަނީ ކޮށްފަ އެވެ.

http://www.sun.mv/uploads/l_1392616.jpg
"އެޕްރީލް އިން ފެށިގެން މިއަދާއި ހަމައަށް ޑޮލަރުގެ އަގު [ރުފިޔާއިން] ވެއްޓިގެން ހިނގައްޖެ 20 ޕަސެންޓަށް. އަދި އެކަންތައް ހުއްޓުނު ކަމެއް، އެއީ މިއަދު [ޑޮލަރުގެ] ވިޔަފާރި ކުރާ، 17.50 ހުއްޓުނީކަމެއް ނޭނގެ،" ކުރިން އެމްޓީސީ ހިންގެވި އާތިފް ވިދާޅުވި އެވެ. "އިކޮނޮމިކްގެ ވަރަށް ބޭސިކް ޕްރިންސިޕަލެއް އެއީ އެއްޗެއް އަގު ބޮޑުވާނެ ކަމަށް މާކެޓް ނިންމައިފިއްޔާ އެ އެއްޗެއްގެ އަގު ބޮޑުވާނެ. މިސާލަކަށް؛ މާދަމާ ފިޔާގެ އަގު ބޮޑުވާނެ ކަމަށް ވިސްނެންޏާ ގިނަ މީހުން މިއަދު ގަންނާނެ. ބާޒާރުގައި ތިބި މީހުން މާދަމާ ބޮޑު އަގުގައި ވިއްކޭނެ ތީ މިއަދު ނުވިއްކާ ފޮރުވަން މަސައްކަތް ކުރާނެ. ހަމަ އެ އުސޫލް ހިނގާނީ ޑޮލަރައް ވެސް،"

އިގުތިސޯދު ދިރާސާ ކުރާ ފަރާތްތަކުގެ ނަޒަރުގައި ޑޮލަރުގެ އަގު ބޮޑުވިޔަ ނުދިނުމަށް 20 ޕަސެންޓްގެ ބޭންޓަކަށް ޑޮލަރު ގަނެ ވިއްކާ އަގު ފެއްތުމަށް އެޅި ފިޔަވަޅަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ފިޔަވަޅެކެވެ. ސަބަބަކީ އެ ފިޔަވަޅު ވިސްނުންތެރި ފިޔަވަޅަކަށް ވީނަމަވެސް އެއީ ޑޮލަރުގެ މައްސަލައިގެ ހައްލެއް ކަމަށް ބާޒާރު ގަބޫލުނުކުރުމާއި އެ ކަމަށް އިތުބާރު ނުކުރުމެވެ.

"މަޑު މަޑުން މިދަނީ މައްޗަށް. އަދިވެސް މީތި ނިމުނު ކަމެއް ނޭނގެ. އެއްވެސް މީހަކު ގަބޫލެއް ނުކުރޭ. މިއަދު މިހުރި ރޭޓުގައި ހުއްޓުނީ ކަމަކަށް. އިމްޕޯޓް ކުރާ މީހުން އިމްޕޯޓް ކުރަނީ މިއަދުގެ އަގުގައި ޑޮލަރު ގަނެގެން. އެމީހުން ގަބޫލުކުރޭ، މިއަދު ޑޮލަރު ގެންފައި ވިއްކަން ޖެހޭނީ މާދަމާގެ އަގުގައި ޑޮލަރު ގަނެގެން އިމްޕޯޓް ކުރެވޭ ވަރަށް ކޮސްޓް [އަގު] ލާފަ ކަން،" އާތިފު ވިދާޅުވި އެވެ. "ރައްޔިތުން ގަބޫލުކުރާ ކަހަލަ ފިޔަވަޅެއް އަދި ނެތް ދެއްކިފައެއް. 10 އެޕްރީލްގެ ފިޔަވަޅާ [ޑޮލަރުގެ އަގު ބޮޑުކުރި ދުވަސް] ދޭތެރޭ ޔަގީންކަން ނުދެވުނީމައި މިހެން ވެގެން މިދަނީ،"

ޑޮލަރުގެ އަގު މަތިވެ ދިވެހި ރުފިޔާގެ އަގު ވެއްޓުމުންދާ ދިޔުން ކޮންޓްރޯލް ނުވުމުން އިމްޕޯޓް ޑިއުޓީ ކަނޑާލި މައްސަލައިން އިންފްލޭޝަން، ތަކެތީގެ އަގު ބޮޑުވުމަށް ހައްލެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި މުސާރަވެރިންގެ މުސާރަ ނުސީދާކޮށް މަދުވެ ޕާޗޭސިން ޕަވާ ވަނީ ވެއްޓިފަ އެވެ.

ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާގޮތުން ޖެނެރަލް އިންފްލޭޝަން ހުރީ 10 ޕަސެންޓުގަ އެވެ. އަދި ކާބޯތަކެތީގެ އިންފްލޭޝަން 47 ޕަސެންޓާއި 28 ޕަސެންޓާ ދެމެދަށް ވަނީ އުފުލިފަ އެވެ. ރިއަލް އެސްޓޭޓް ނޫނީ ގޯތިގެދޮރުގެ އަގުތަށް ވަނީ ގާތްގަނޑަކަށް 15 ޕަސެންޓަށް އުފުލިފަ އެވެ.

http://www.sun.mv/uploads/l_1392663.jpg
ރާއްޖޭގެ އިގްތިސޯދުގެ މައްސަލަ ދުވަހެއް ދުވަހަކަށް ނާޒުކުވެ އަހަރު ނިންމާލަންޖެހުނު އިރު މުޅި އިގްތިސޯދު ވަނީ ކަރަށް ބާރުވެފަ އެވެ. އިގްތިސޯދުގެ ބެލެންސުން ކަޓައި މުޅިން އޮތީ ޓޫރިޒަމްގެ މައްޗަށް ބަރޯސާވެފަ އެވެ.

ބަޖެޓާއި އެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަޑު، ޖީޑީޕީން މަސްވެރިކަން ހިއްސާ ކުރަނީ އެންމެ ޕަސެންޓެކެވެ. ޓޫރިޒަމް 30 ޕަސެންޓް ހިއްސާ ކުރެ އެވެ.

http://www.sun.mv/uploads/l_1392661.jpg
"ރާއްޖޭގެ އިގްތިސޯދު މިއޮތީ އެކައްޗަކަށް ބަރޯސާވެ ހުސްވެފައި. މިއީ ވަރަށް ގޯސް ކަމެއް. އަބަދަކު އެގޮތަކަށް ނޯވެވޭނެ. ހަމަ ހީނަރުކަމެއް އަންނައިރަށް، މިސާލަކަށް 2009 އެއްގެ ދުނިޔެއަށް އައި އިގްތިސޯދީ ހީނަރުކަމުގައި ރާއްޖޭގެ ޓޫރިޒަމް ދަށްވި ތިން ޕަސެންޓް. އެ ނިސްބަތުން އެއަހަރު ޖީޑީޕީ ވެސް ދަށްވި،" އާތިފު ވިދާޅުވި އެވެ.

އިގްތިސޯދަށް ދިމާވެފައިވާ އިންފްލޭޝަނާއި ކަރަންސީ ޑިވެލިއު ވުމުގެ މައްސަލަ ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމައްވާ ހަރަދު ކުޑަކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ސަރުކާރުންވެސް އަދި އެކަމުގައި ޒިންމާވާ ރައްޔިތުންގެ މަޖިލީހުންވެސް ކުރިތަނެއް ނުފެނު ނެވެ. އޭގެ ބަދަލުގައި ޑެފިސިޓް ދަނީ އިތުރުވަމުންނެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް 27 ޕަސެންޓުގައި ހުރީ އިރު އިގްތިސޯދީ ނަޒަރަކުން މަޖިލީހަށްވެސް ކުރެވުނު ކަމެއްނެތެވެ. މިއަހަރުގެ ބަޖެޓް ވެސް ބޮޑު ޑެފިސިޓަކާއި އެކު ސަރުކާރުން ހުށަހެޅި ނަމަވެސް އެ ބަޖެޓް ފާސްކުރުމުގައި އިގްތިސޯދަށް ލުއި ވާނެ ގޮތްތަކެއް ރޭވިފައެއް ނެތެވެ. އިގްތިސޯދަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް އެޑްރެސްކުރެވިފައެއް ނެތެވެ.
"ގާތްގަޑަކަށް 1 ބިލިއަން ރުފިޔާ އެއްތަނުން އެނެއް ތަނެއް ތަނަށް ބަދަލު ކުރުމާއި، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށްޓަކައި 3.5 މިލިއަން ރުފިޔާ އިތުރު ކުރުން ފިޔަ ވައި ޖުމްލަ ކޮށް ބަޖެޓަށް ގެންނެވި ބަދަލެއް ނެތް. ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުން ތަކުން ސަލާމަތް ވުމަށް އަޅާނެ ފިޔަވަޅުތަކެއް ފާހަގަ ކުރެވިފަކާ ނުވޭ" ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ނެރޭ "ވިކުރާ" ގެ އެޑިޓަރުކަން ވެސް ކުރައްވާ އާތިފް ވިދާޅުވި އެވެ.

އެހެން ކަމުން މިދިއަ އަހަރު ނިންމާލަން ޖެހުނީ ކުރި އެރުންތަކެއް ނުލިބި އިގްތިސޯދީ ގޮތުން "ވާނުވާ"ގައި ތިބެ އެވެ. އެއީ ސަރުކާރުގެ އެކަނި މައްސަލައެއް ވެސް ނޫނެވެ. އެއީ މުޅި މެކޭނިޒަމްގެ ފެއިލްވުމެކެވެ. ސެންޓްރަލް ބޭންކް އެމްއެމްއާއި އަދި ރައްޔިތުން މަޖިލީހުން ވިސްނުންތެރި މަސައްކަތްތަކެއް ނުކުރުމުގެ ނަތީޖާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް