މިއަހަރުގެ ތެރޭގައި 13 ދަނޑުގެ މަސައްކަތް ނިންމާލެވޭނެ

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދާއެކު މިއަހަރު 13 ދަނޑެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ފަށާފައިވާ، އަދި ފެށުމަށް ތައްޔާރުވަމުން އައި ގިނަ ޕްރޮޖެކްޓްތަކަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވީ ނަމަވެސް މިދިޔަ ދުވަސްތަކުގައި ވެސް ރަށްރަށުގައި ކޮންޓްރެކްޓް އެއްބަސްވުމަށް އަޅަމުން ދިޔަ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިއަހަރު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އަޅަން ފެށި ރަށްރަށުގެ ތެރެއިން 80 އިންސައްތަ ދަނޑުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެޓީވީއިން ރޭ ގެނެސްދިން ކުޅިވަރު ފައިލް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މިހާރުވެސް 13 ރަށެއްގެ ދަނޑުތައް ނިންމާނެ ސާމާނު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ސަބްބޭސްގެ މަސައްކަތްތައް ނިމުމާ އެކު އެ ދަނޑުތަކުގައި ދެން ހުރި މަސައްކަތްތައްކޮށް މިއަހަރުގެ ތެރޭގައި އެ 13 ދަނޑު ނިންމާލެވޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"މިއަދު ނ.ހޮޅުދޫ ދަނޑުގެ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި އޭރު ދިމާވި މައްސަލައެއް ހައްލުކޮށް، މިއަދު އެހެންނޫނީ މާދަމާ އެއްކޮށް ނިންމާފައި، އެބޭފޫޅުން އަރާނެ އަނެއްކާ ނ. ކެނދިކުޅުދޫއަށް. އެހެންމަ އެގޮތަށް އެކި ދިމަ ދިމާލަށް މަސައްކަތްތައް ފެށިގެން ގޮސް އިރާދަ ކުރެއްވިޔާމު މިއަހަރުފެ ތެރޭގައި 13 ދަނޑުގެ މަސައްކަތް ރީތިކޮށް ނިމޭނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑު ކަމަށް ވެއްޓުމުގެ ކުރިން އިތުރު 22 ރަށެއްގައި ސަބް ބޭސް އެޅުމަށް ބަޔަކާ ހަވާލުކުރެވިފައި ވާނެ ކަމަށެވެ. އެކަމަކު ކޮވިޑްގެ ސަބަބުން އޭގެ ތެރޭން ގިނަ ދަނޑުތަކުގެ މަސައްކަތް މަޑުޖައްސާލަން މިނިސްޓްރީން ކޮންޓްރެކްޓަރުންނަށް އަންގާފައިވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"އެ ސަބަބަކީ އެ ގެންނަން ޖެހޭ ޓާފް ނުގެނެވި ސަބް-ބޭސް ނިމިއްޖެ ކަމަށް ވާނަމަ ދެން އެތަންތަން އަލުން ވިނަ ފަޅާ، އެތަން ހަލާކުވެގެން ދާނެ. އެހެންމަ އަލުން އެކަންކަން ރަނގަޅު ކުރުމަކީ ބޮޑު ޙަރަދަކަށް ވާނެތީ އަޅުގަނޑުމެންގެ ވިސްނުން ހުރީ ޓާފް ގެނެވޭނެ ގަޑިއާ ދިމާކޮށްފައި މަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު، މިފަހުން ފިނޭންސް މިނިސްޓްރީން ވެސް މި 22 ދަނޑުގެ މަސައްކަތް ކޮންމެސް ފަރާތަކާއި ހަވާލުކުރާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، އެ ދަނޑުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ކޮންޓްރެކްޓަރުންނާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް