މާދަމާއިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

ޖޫން 15، 2020: ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދު ނުކުރި ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލާއި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ.

ނަމަަވެސް ޖޫން 14 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، ޖަމާއަތް ނުހަދާގޮތަށް، މިސްކިތުގައި ނަމާދުކުރުމަށް ހުއްދަ ދީ، މިސްކިތްތައް ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން އޭރު ބުނީ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭއިން ފުރަބަންދުގެ ހާލަތަށް އިތުރު ލުއިތަކެއް ދޭނަމަ، ޖަމާއަތުގައި ނަމާދުކުރުމުގައި ވެސް އިތުރު ލުއިތައް ދެމުން ގެންދާނެ ކަމަށެވެ.

މާދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވިއިރު، މާދަމާއިން ފެށިގެން ކޮވިޑް19 ގެ ނިއު ނޯމަލްގެ އާ މަރުހަލާއެއް ފަށަން ވަނީ ނިންމައިފަ އެވެ.

މާޗު މަހުން ފެށިގެން މިސްކިތްތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން މިސްކިތްތައް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިސްކިތުގައި ނަމާދުކުރަން ފަށައިފަ އެވެ.

comment ކޮމެންޓް