ކޮޗިންގައި ތާށިވެފައި ތިބި ދިވެހީން ރާއްޖެ ގެނެސްފި

މޯލްޑިވިއަން އިން މިއަދު ކޮޗިންގައި ތިބި ދިވެހިން ރާއްޖެ ގެނެސްފައި --- ފޮޓޯ : މޯލްޑީވިއަން

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި ދިވެހީންތަކެއް މިއަދު މޯލްޑިވިއަން އިން ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނެފައިވަނީ މެޑިކަލް ޓްރީޓްމެންޓަށް ކޮޗިން އަށް ގޮސް ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ތާށިވެފައިވާ ބައެއް މީހުން މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ މިއަދު ހެނދުނު ރާއްޖެ އައި ފްލައިޓުގައި ކޮޗިން އިން 90 މީހަކު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އޭގެތެރޭގައި ފަސް ޕޭޝަންޓުން ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވެފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ މިހާތަނަށް ރާއެްޖެ ގެނެސްފައެވެ. އެގޮތުން އިންޑިއާ އިންނާއިން ލަންކާއިންވެސް ވަނީ ގިނަ އަދަދެއްގެ ދިވެހީން ރާއްޖެ ގެނެސްފައިވެ އެވެ.

އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެންނައިރު، ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަން ޖެހޭ ފަރާތްތަކަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާއްސަ ހުއްދައެއް ވަނީ ދާދި ފަހުން ދީފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ބޯޑަރުތައް އަދިވެސް ހުޅުވާފައި ނުވިނަމަވެސް، ދެގައުމުގެ މެދުގައިވާ ޒަމާންވީ ވަރުގަދަ ގުޅުމުގެ ސަބަބުން ދިވެހީންނަށް އިންޑިއާއަށް ދިޔުމަށް ވަނީ ހުއްދަ ދީފަ އެވެ. އޭގެތެރޭގައި 37 މީހަކު އިންޑިއާއަށް ދިޔުމުގެ ހުއްދަ އެގައުމުން ވަނީ ދީފަ އެވެ.

comment ކޮމެންޓް