ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަމާއި އިގްތިސާދީ ހަރަކާތްތައް އަލުން ފަށަނީ

ކޮލަންބޯ (ޖޫން 30) : ސްރީލަންކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފަހު ބޯޑަރުތައް ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފަށަން ތައްޔާރުވަމުން ދާކަމަށާ ނަމަވެސް ކަމާބެހޭ ޕްލޭންތަކަށް ބައެއް ބަދަލުތަކެއް ގެންނާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ސްރީލަންކާގެ ޓޫރިޒަމް އެންޑް އޭވިއޭޝަން އާބެހޭ ވަޒީރު ޕްރަސަންނަ ރަނަތުންގަ ވިދާޅުވީ ގައުމުގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް އަންނަ އޮގަސްޓް އެކެއްގައި ހުޅުވައި ޝެޑިއުލް ދަތުރުތައް އަލުން ފަށަން ޕްލޭންކޮށްފައި ވީނަމަވެސް ފަތުރުވެރިން ގެނައުމުގެ ކަންތައް ލަސްކޮށްލަން ނިންމާފައިވާ ކަމުގައެވެ. އޮގަސްޓް އެކެއްގައި ބަންޑާރަނަޔަކަ އެއާޕޯޓް ހުޅުވައި ވައިގެ ދަތުރުތައް ފަށާނެކަމަށާ އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުން ދާކަމަށް ރަނަތުންގަ ވިދާޅުވިއެވެ.

ކުރިންއޮތީ ފަތުރުވެރިން ގެނައުމުގެ ކަންތައްވެސް އޮގަސްޓް އެކެއްގައި ފަށާގޮތަށެވެ. ސްރީލަންކާއަކީ ފަތުރުވެރިކަމަށް ވަރަށްބޮޑަށް ބަރޯސާ ވާ ގައުމެއް ކަމަށްވިޔަސް ފަތުރުވެރިން ގެނައުމުގެ ކަންތައް ލަސްކޮށްލަން އެގައުމުން ނިންމީ އެކަމަށް ތައްޔާރުވުމަށް އިތުރު މުއްދަތެއް ބޭނުންވާތީއެވެ.

ބޭރުގެ އިންވެސްޓަރުންނާއި އެނޫންވެސް ބޭރުގެ މަސައްކަތްތެރިން އައުމަށް އޮގަސްޓް ގެ ފުރަތަމަ ދެހަފްތާ އެއާޕޯޓް ޚާއްސަ ކުރުން ރަނގަނޅު ކަމަށް ފެންނާތީއެވެ. ނަމަވެސް އޮގަސްޓް ގެ ތިންވަނަ ހަފްތާގައި ފަތުރުވެރިންނަށް ޚާއްސަ ޝެޑިއުލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ރަނަތުންގަ ވިދާޅުވިއެވެ.

ސްރީލަންކާގެ ސިއްޙަތާބެހޭ ވުޒާރާއިންވަނީ އެގައުމުގައި ކޮވިޑް-19 މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާ ކޮމިއުނިޓީ ސްޕްރެޑެއް މިހާރުނެތް ކަމަށް ބުނެފައެވެ. މިއާއެކު ސްރީލަންކާގައި އިގްތިސާދީ ހަރަކާތްތައް (ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު) އަލުންވަނީ ފަށާފައެވެ.

ސްރީލަންކާގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަމަށް ނިންމައި އާދީއްތަ ދުވަހުން ފެށިގެން އެ ގައުމުގައިވަނީ ކާފިއުވެސް އުވާލާފައެވެ. އަދި ޖުލައި 6 ގައި ސްކޫލްތައް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ. އަދި އޯގަސްޓް ގައި ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ކޮވިޑްއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަންޖެހޭތީ އިންތިޚާބަށް ކެމްޕޭން ކުރުމަށްވަނީ ބައެއް ހުރަސްތައް ކުރިމަތިކޮށްފައެވެ. މީގެތެރޭގައި ކެންޑިޑޭޓުން ކޭންޕޭން ޖަގަހަ ހަދައިގެން މަސައްކަތް ކުރުން މަނާކުރުމާއި ބޮޑެތި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އެއީ ޖަގަހަތަކާއި އެއްވުންތަކުން އެއްވަގުތަކު ގިނަ ބަޔަކު ގައިގޯޅިކޮށް އުޅުމުގެ ފުރުސަތު އޮންނާނެތީއެވެ.

ސްރީލަންކާ ފަތުރުވެރިންނަށް ހުޅުވާލުން ލަސްވަނީ ކޮވިޑް-19 އާ ގުޅިގެން އެގައުމުން ފުރައިގެންދިޔަ އެކި ސެކްޓަރުތަކުގެ ބޭރުގެ އިންވެސްޓަރުންނާއި އެސެކްޓަރުތަކުގައި މަސައްކަތްކުރާ ބޭރުމީހުންގެ އެތަށް ހާސްބަޔަކު ކުރު މުއްދަތެއްގެ ތެރޭގައި އަންނަން ހަމަޖެހިފައިވާތީ އެކަމުގެ ސަބަބުން އެއާޕޯޓްގައި ފަތުރުވެރިންނަށް ދަތިތަކެއް ކުރިމަތިވާނެތީއެވެ.

ސްރީލަންކާގައި ސިނާއަތާއި ފަތުރުވެރިކަމާ އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި ބޭރުގެ ބޮޑެތި ކުންފުނިތަކުން އިންވެސްޓްކޮށްފައިވެއެވެ. މީގެއިތުރުން ސްރީލަންކާގެ ތަރައްގީގެ މަޝްރޫއުތަކުގައިވެސް ބޭރުގެ އެތަށް ކުންފުންޏެއް ބޭރުގެ މަސައްކަތްތެރިންނާއެކު ހަރަކާތްތެރިވެއެވެ.

އޭގެތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އާ ގުޅިގެންވަނީ ސްރީލަންކާ ދޫކޮށް އެމީހުންގެ ގައުމުތަކަށް އެނބުރި ގޮސްފައެވެ.ސްރީލަންކާގައި ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި ހޮޓާތަކާއި ރެސޯޓްތައްފަދަ ތަންތައް އަލުން މަރާމާތުކޮށް ފަތުރުވެރިން ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ސްރީލަންކާގައި ދިރިއުޅޭ ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ މަސައްކަތްތެރިންނަށް އެނބުރި އެގައުމަށް އަންނަން ފަށާނީ އޮގަސްޓް އެކެއްގައި ބަންޑާރަނަޔަކަ އެއާޕޯޓް ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް ހުޅުވާލުމުންނެވެ. އެމީހުން އެނބުރި އައުމަށާއި ކަންކަން ހަމަޖެއްސުމަށް ދެހަފްތާގެ މުއްދަތެއް ހޭދަވާނެކަމަށްވަނީ ބެލެވިފައެވެ.

ސްރީލަންކާގައި ސިނާއަތާއި ދަނޑުވެރިކަމާ އަދި ފަތުރުވެރި ކަމުގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރު މީހުންގެ އަދަދު އުޅެނީ 50 ހާހާއި 60 ހާހާ ދެމެދުގައިކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. (ސްރީލަންކާގެ މީޑިއާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް