ހުވަދޫ ބަދިގެ: ގެމަނަފުށިން އާވިޔާ ފަތަހޮޅި

ހުވަދޫ ބަދިގޭގެ މިސްރާބު މިފަހަރު މި ބަދަލުކޮށްލަނީ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުއްޓަށެވެ. އެ ރަށަކީ ޗުއްޓީއަކަށް އާއިލާއާއެކުގައި ދަތުރުކޮށްލަން ހަމަ އެންމެ ރަނގަޅު އެއް ރަށެވެ. ރަށުގެ ހިތްގައިމު މާހައުލާއި، އެކުވެރި ރައްޔިތުންގެ ހިނިތުންވުމާއެކު، ގެމަނަފުށްޓަކީ ސަގާފީ ގިނަ ކަންތައްތަކެއްވެސް ދެމިއޮތް އަދި ތާރީހީއެތަކެއް ވާހަކަތަކެއްވެސް ރައްކާކުރެވިފައިވާ ރަށެކެވެ. މިގޮތުން ހުވަދޫ ބަދިގޭގައި މިފަހަރު މި ގެނެސްދެނީ ގެމަނަފުށްޓަށް ހާއްސަ "އާވިޔާ ފަތަހޮޅި" އެވެ.

ތިހީވީ ހަމަ ރަނގަޅަށެވެ. ނަމުންވެސް ބުނެދޭހެން މިއީ އާވީގައި ކައްކައިގެން ތައްޔާރުކުރެވޭ ފޮނި ފަތަހޮޅިއެކެވެ. ބައެއް ހިސާބުތަކުގައި ތައްޔާރުކުރާ ހުނި ހަކުރާއި ދާދި އެއްގޮތް ކަމެއް ހުރި ނަމަވެސް، ރަހަ ބަލާލުމުން އެގިގެންދިޔައީ ރަހައިގައި ވަރަށް ބޮޑަށްވެސް އާވިޔާ ފަތަހޮޅި ތަފާތުކަމެވެ.

އާވިޔާ ފަތަހޮޅި-- ސަން / ފޮޓޯ

ބޭނުންވާ ތަކެތި

  • ގަބުޅީގެ ހުނި
  • ހަކުރު
  • ރޮށި ފިހަން މޮޑޭ ކަހަލަ ފުށްގަނޑެއް
  • ދުނބުރި ފަތް

ތައްޔާރުކުރާނެ ގޮތް

އާވިޔާ ފަތަހޮޅި ތައްޔާރުކުރުމާށްޓަކައި ބޭނުންކުރާނީ ކުރުނބާއަށްވުރެ ހަރު ގަބުޅި އެވެ. ގަބުޅީގެ ހުނި ގޭނުމަށްފަހު، ދޯބުރާލި (ހަކުރު) އަޅާ ހަރުވަންދެން ކައްކާލާނީ އެވެ. އެއަށްފަހު ރޮށި ފިހުމަށް ބޭނުންކުރާ އާދައިގެ ފުށްގަނޑެއް ދެމުމަށްފަހު ކެއްކި ގަބުޅި އޭގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު ދުނބުރި ފަތުގެ ތެރެއަށް ފަތަހޮޅު އެޅުމަށްފަހު އާވީގައި ކައްކާނީއެވެ. ގާތްގަނޑަކަށް ގަދަގިނީގައި 10 މިނިޓުވަރު ތެރޭ ކެކި ނިމޭނެއެވެ.

'ސަން' އަށް މި ރެސިޕީ ތައްޔާރުކޮށްދިން އިއްޒަތު ހުސެއިން ބުނާގޮތުގައި މިއީ އެންމެ ކުރީޢްސުރެވެސް އާވިޔާ ފަތަހޮޅި ތައްޔާރުކުރެވެމުން އައި ގޮތެވެ. އީދު ފަަދަ މުނާސަބަތުތަކުގައި ހާޢްސަކޮށް ތައްޔާރުކޮށް އުޅޭ މި ރެސިޕީގައި ފަހަކަށް އައިސް މާފެން ކޮންމެވެސް ވަރަކަށް ބޭނުންކުރެ އެވެ. އެހެން ނަމަވެސް، ރާނބާފަތް، ނޫނީ ދިވެހި ހަކުރު މިއީ އެއްވެސް ވަރަކަށް މި ރެސިޕީގައި ބޭނުންކުރާ އެއްޗެއް ނޫނެވެ.

އާވިޔާ ފަތަހޮޅި-- ސަން / ފޮޓޯ

ދުނބުރި ފަތަކީ އާންމުކޮށް މިފަދަ ދިވެހި ކެއުންތަށް ތައްޔާރުކުރުމުގައި އެންމެ ގިނައިން ބޭނުންކުރެވޭ ފަތެވެ. އާވިޔާ ފަތަހޮޅީގައިވެސް ދުނބުރި ފަތުގެ މީރު ރަހަށް ވަރަށް ބޮޑަށް ހުރެ އެވެ. މަދު ބާވަތެއް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭ އާވިޔާއަކީ ދިވެހި ފޮނިއެއްޗެއް ތައްޔާރުކޮށްލަން ބޭނުންވާނަމަ ވަރަށް ކަމުދާނެ ރެސިޕީއެކެވެ.

comment ކޮމެންޓް