ފުން އަސަރު ކުރުވައިފިއޭ... 5

ފުން އަސަރު ކުރުވައިފިއޭ ކަވަރު

"އަހަރެން ބުނާނަން ތީ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ އޭ... އޭރުން އެކަކަށް އެކައްޗެއް ވެސް ނުކިޔޭނެ... ހިނގާ އަހަންނާ އެކީ..." އަހަރެން އެއްޗެއް ނުބުނާނެކަން އެނގުމުން، އަޒްމަން ބުންޏެވެ. އެއްވެސް ޖެހިލުންވުމެއްގެ އަސަރު އެ އަޑުގައި ނުވެ އެވެ.

********

ކުއްލިއަކަށް އަޒްމަން ދައްކަންފެށި ވާހަކައަކުން އަހަރެން ހުއްޓުން އެރި އެވެ. ޤަބޫލު ކުރަން ދަތި ވިއެވެ. ދެލޯ ބޮޑުކޮށްގެެެންްް އޭނާގެ މޫނަށް ބަލަން ހުރެވުނީ، ކިހާ އިރަކު ކަމެއް ނޭނގުނެވެ. ހިތުގެ ކަނަކުން ބުނަމުން ދިޔައީ، އެއީ އޭނާ ކޮށްލި ސަމާސާއެއް ކަމަށެވެ. އޭނާގެ މޫނުމަތިން ސަމާސާގެ އެއްވެސް ކުލަވަރެއް ނުފެނުނު ކަމުގައި ވިޔަސް، މެއެވެ.

ދެލޮލުގައި ވިދަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް އައިއިރު، އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނެވެ. ނޭވާލާން ވެސް ހަނދާންވީ، އޭނާ ކުޑަކޮށް ގުދުވެ، ބަލައިލުމުންނެވެ.

"ނީހާ!..." އަކުރުތަކަށް ދަމާލާފައި އޭނާ ގޮވާލި އެވެ.

އަހަންނަށް ޖެހިލެވުނީ ފަހަތަށެވެ. ކުރެވެން އުޅެނީ ރަނގަޅު ކަމެއް ނޫންކަމަށް ސިކުނޑި އިންޒާރު ދިނެވެ. ދެފިކުރެއްގައި ހުއްޓައި، އޭނާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަނެއްޖެ އެވެ. ޗާބީ ދީފައިވާ ބުދެއް ފަދައިން އޭނާ އާއިއެކުގައި އަހަންނަށް ދެވުނެވެ. އަހަރެންގެ ސިކުނޑި މަސައްކަތް ކުރަން ފެށީ، އިރުކޮޅެއް ފަހުންނެވެ. ވަގުތުން ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

"ނޫން..." އަހަރެންގެ ދެ ތުންފަތް ފޫދުއްވާލާފައި ބޭރުވީ އެ ލަފުޒެވެ. ކުއްލިއަކަށް އަޒްމަންގެ އަތް ފޮޅުވައިލެވުނު ގޮތް ވެސް ނޭނގުނެވެ.

"ނީހާ ބޭނުންވަނީ އުފާވެރި ދިރިއުޅުމެއްނު..." އަޒްމަން ބުންޏެވެ. "އަހަރެން އެކަން ކޮށްދީފާނަމޭ... ނީހާ އަހަންނަށް އިތުބާރު ކުރޭ!... އަހަރެން މިކުރާ ކަންތަކުން އެ މަޤުސަދު ހާސިލުވީމަ އެ ނިމުނީނު..." އަޒްމަން މަސައްކަތް ކުރީ، އަހަންނަށް ވިސްނައިދޭށެވެ. އޭނާ ދެވަނަ ފަހަރަށް ވެސް އަހަރެންގެ އަތުގައި ހިފައިލަން އުޅުނެވެ.

އަހަރެން ވަގުތުން ދުރަށް ޖެހިލީމެވެ. ދެފަރާތަށް ބޯ ހޫރާލެވުނުއިރު، މީހުން ކިޔާފާނެ އެއްޗަކާއިމެދު ވިސްނެން ފަށައިފި އެވެ. އަނެއްކޮޅުން ދޮގެއް ހަދައިގެން އުފަލެއް ހޯދާކަށް ހިތް އެއްބަހެއް ނުވި އެވެ.

"އެންމެ ރަނގަޅު... ނީހާ ތިހެން ހުރޭ... މީހުން ކިޔާ އެއްޗެހި އަޑު އަހައަހާ ހުންނަން ކެތްވާނީ ނީހާއަށް... އަހަންނަކަށް ކެތެއް ނުވާނެ..." އަޒްމަން ދޫކޮށްލީ ފުން ނޭވާ އެކެވެ. އަހަރެންގެ އެއްބާރުލުން ނުލިބުމުން އޭނާ މާޔޫސްވިކަން އެ މޫނުމަތީގެ އަސަރުތަކުން ހެކި ދިނެވެ. އޭނާގެ މޫނުމަތި މިލައިގެން ދިޔަ ތަން ފެނުމުން ހިތަށް ތަދުވި އެވެ.

"އަހަރެން މިދަނީ އެންމެން ކައިރީ އެވާހަކަ ބުނަން... އަހަންނަށް ކެރޭނެ ބުނަން... އަހަރެން ލަދެއް ނުގަނޭ... ޖެހިލުމެއް ވެސް ނުވޭ..." އަޒްމަންގެ އަޑުގައިވީ ޔަޤީން ކަމެވެ.

އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. އަޒްމަންގެ ފަހަތުން ދުއްވައިގަނެވުނީ އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަންތަން ފެނުމުންނެވެ. އަހަރެން އޭނާ އާއި ހަމައަށް ދިޔުމުގެ ކުރިން، އޭނާ ގޮސް މަސްކައްކާ ގޭގެ ގޯތިތެރެއަށް ވަދެއްޖެ އެވެ. އިއްތިފާޤުން އެވަގުތު އެތަނުގައި ބޮޑުދައިތަ ނެތް ވަގުތެކެވެ. އަހަރެން ހީކުރީ، ހުރިހާ ކަމެއް އެވަގުތަށް ޙައްލުވީ ކަމަށެވެ. ހިތް ހަމައަކަށް އެޅުވޭތޯ ފުން ނޭވާއެއް ދޫކޮށްލީމެވެ.

އަޒްމަން އޭނާ ހުރި ފިޔަވަޅުމަތިން ގުޑިވެސް ނުލައި ހުރުމުން، އަހަރެންގެ ހިތް ނުތަނަވަސް ކުރުވި އެވެ. ގޯތިތެރޭގައި ހަރަކާތްތެރިވަމުންދިޔަ ކޮންމެ މީހަކަށް އޭނާގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ. އޭނާ ފަސްއެނބުރި އަހަރެންގެ މޫނަށް ބަލައިލީ، އަސަރުތައް ތަރުޖަމާކޮށްލާ ފަދައިންނެވެ. އެންމެ ނަޒަރަކުން ވެސް ހިތް ތެޅިގަތެވެ. އޭނާގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނި، ހިތަށް ގުޑުން އަރައިފި އެވެ. ގޯހެއް އުޅޭ ކަމަށް ހިތް ބުންޏެވެ. ވިސްނާކަށް ގިނަ ވަގުތެއް ނުލިބުނެވެ. އިވުނީ އަޒްމަންގެ ފިރެހެންވަންތަ އަޑެވެ.

"އެންމެންނޭ!... އަޑު އަހާ..." އަޒްމަން ވާހަކަ ދެއްކީ، އެތަނުގައި ތިބި އެންމެނަށް އަޑު އިވޭ ވަރަށް ބާރަށެވެ.

އެއަޑަށް، ކުރަން ތިބި ކަންތައް ހުއްޓާލާފައި، އެންމެންގެ ނަޒަރު އޭނާއަށް ހުއްޓާލައިފި އެވެ. އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. އަޒްމަންއަކީ އޭނާ ކުރަން ނިންމައިފި ކަމެއް ދޫކޮށްނުލާނޭ މީހެއް ކަން އެނގުނެވެ. އޭނާގެ ކައިރިއަށް ޖެހިލާފައި ސިއްރުން އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރީމެވެ. އޭނާ އެ އަޑު އިވުނު ކަމަކަށް ނުހެދި އެވެ. ގަދަކަމުން އެކަން ހުއްޓުވާކަށް، ނުކެރުނެވެ. މަންޒަރު ބަދަލުވުމުގެ ކުރިން އެތަނުން ދުވެ ފިލަން ހިތް ގޮވި އެވެ. އަހަންނަށް ފަހަތަށް އަޅައިލެވުނީ، ދެފިޔަވަޅެވެ. އަޒްމަންގެ އަޑު އިވުމުން ދެފައި ބިމުގައި ތަތްލައިފި އެވެ.

"އަހަރެންގެ ނަމަކީ ޢަލީ އަޒްމަން... އަހަރެން މިއަދު އެންމެންނަށް އަންގާ މި އިޢުލާނު ކުރަނީ، އަހަރެންގެ ޙަޔާތަށް ވަރަށް ފުރިހަމަ އަންހެން ކުއްޖަކު އައިކަން..." އަޒްމަންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައީ، ފަސްއެނބުރި އަަހަންނަށް ބަލައިލުމާއި އެކުގަ އެވެ.

އަހަރެން އުޅުނީ އަވަހަށް އެތަނުން ދާށެވެ. ފަސްއެނބުރިފައި އަޅައިލެވުނީ އެންމެ ފިޔަވަޅެކެވެ. އަޒްމަން އައިސް އަހަރެންގެ އަތުގައި ހިފަހައްޓައިފި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް، އެންމެންގެ ކުރިމަތީގައި ބެހެއްޓި އެވެ. އޭރުވެސް އޭނާ ހުރީ، އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. އަހަރެންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އަތް މަހާލަމުން ކުރިއަށްވުރެ ބޮޑަށް އަހަންނާއި ގާތަށް ޖެހިލި އެވެ.

އަހަރެންގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާ ފޯވެއްޖެ އެވެ. ކަރުނަތަކުން ދެލޯ ފުރި ބަންޑުންވާން ތައްޔާރު ވަނީ އެވެ. ދުރަށް ޖެހެން މަސައްކަތް ކުރީމެވެ. އަޒްމަން އެ ފުރުސަތެއް ނުދިނެވެ.

"މީ އަހަރެން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ... އަހަރެންގެ ލޯބިވެރިޔާ ނީހާ..." އަހަރެންގެ އިހުސާސްތަކަށް ވިސްނުމެއްނެތި އަޒްމަން ހާމަކޮށްލި ވާހަކައަކުން، އެންމެންނަށް ހައިރާންކަމެއް ލިބުނުކަން ޤައިމެވެ.

ހުދު އަހަރެން ވެސް ހުރީ، އެ ވާހަކަ ޤަބޫލު ނުކުރެވިފަ އެވެ. އެތައް ބައެއްގެ ކުރިމަތީގައި އޭނާއަށް އެފަދަ ދޮގު ވާހަކައެއް ދައްކަން ކެރުނީ، ކިހިނެއް ބާއޭ ހިތަށް އެރި އެވެ. އަނެއްކޮޅުން އަޒްމަންގެ ދުލުން އަހަންނާއި އެފަދަ ގޮތަކަށް ނިސްބަތްކޮށް ވާހަކަ ދެއްކުމުން، ތަފާތު އިހުސާސްތަކެއްގެ އަސަރު މުޅި ހަށިގަނޑަށް ކުރުވައިފި އެވެ.

"މިއަދަށްފަހު، އެއްވެސް މީހަކު އަހަރެންގެ ލޯބިވެރިޔާ އާ ދިމާއަށް އެއްޗެއް ބުނެގެން ނުވާނެ..." ހިނިތުންވެލައިގެން ހުރެ ވާހަކަ ދެއްކި ނަމަވެސް، އަޒްމަން ދިނީ އިންޒާރެކެވެ.

ވަގުތަކީ ބޮޑުދައިތަ އައިސް، އަހަރެމެން ދެމީހުންގެ ކުރިމަތީގައި ހުއްޓުނު ވަގުތެވެ. އެ މޫނުމަތީގެ ކުލަވަރު ތަޤައްޔަރުވެފައި ވަނީ، ވިއްސާރަ ދުވަހެއްގައި އުޑުމަތި ބަނަވެފައިވާ ފަދައިންނެވެ. އެމަންޒަރު ފެނުމުން، ފައިދަށުން ބިންގަނޑު ދެމިގަންހެން ހީވި އެވެ. އަޒްމަންގެ އަތުގެ ތެރެއިން ނުކުމެގެން އެތަނުން ދުވެ ފިލަން، ތަކުރާރުކޮށް ހިތް އެދި ގޮވި އެވެ.

"އަހަނ!... ބޮޑުދައިތަ ވެސް މިއޮއް އައީނު... ތައާރަފް ވެލަމާ... އަހަރެންގެ ނަމަކީ އަޒްމަން... އަހަންނަކީ މާލޭގެ ރަށްވެއްސެއް... މީ އަހަރެންގެ ލޯބިވެރިޔާ... ބޮޑުދައިތަގެ ނީހާ..." އަޒްމަންގެ އަޑުގައި އެއްވެސް ޖެހިލުންވުމެއްގެ އަސަރެއް ނެތެވެ. ބޮޑުދައިތަގެ ހަޤީޤަތް އެނގުމުން، އޭނާއަށް ޤަދަރު ނުކުރަން ނިންމައިގެން ހުރި ކަހަލަ އެވެ. ހުރިހާ ބާރެއް ކުރީ އަހަންނަށެވެ. ހާސްވެގެން ދެފައި ވެސް ތުރުތުރު އަޅަނީ އެވެ.

"ބޮޑުދައިތާ!... އެއީ ދޮގެއް... އަހަރެން އެއްވެސް މީހަކާ ރައްޓެހި ނު..." އަހަންނަށް ބުނެވުނީ އެހިސާބަށެވެ.

"ދޫންޏާ!... އެހާ ލަދުގަންނަ އެއްޗެއް ނޫނޭ... އެއީ ބޮޑުދައިތައޭ... އެއީ ދެން ދުރު މީހެއްވެސް ނޫނެއްނު..." އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން، އަޒްމަން އަވަސްއަވަހަށް ބުންޏެވެ.

އަހަރެންގެ ނަޒަރު އެ އަތުން އޭނާގެ މޫނަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން އެ މޫނަށް ބަލައިލުމާއިއެކު، އޭނާ އަވަހަށް އަތް ދުރުކޮށްލައިފި އެވެ. އަޒްމަންއަށް އެފަދަ ހިތްވަރެއް ލިބުނީތީ، ހިތުގެ އަޑިން އެއްޗެހި ކިޔުނެވެ. އަހަންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، ބޮޑުދައިތަ އެތަނުން ދިޔުމަށް ހިނގައިގަނެފި އެވެ. އަހަރެން ގޮވައިލުމުން ވެސް މަޑެއް ނުކުރި އެވެ. އަޒްމަންގެ އަތުގެ ތެރެއިން ވީއްލިގަނެގެން ބޮޑުދައިތަގެ ފަހަތުން ދިޔައީމެވެ.

"އޭނާ ކައިރީ ބުނޭ ހަމަ މިހާރު ގެއަށް އަންނާށޭ..." އަހަންނާއި ދިމާއަށް ބަލައިލުމެއް ވެސް ނެތި ބޮޑުދައިތަ އަމުރު ކުރި އެވެ.

އަހަންނަށް ގޮތް ހުސްވި އެވެ. ފަސްއެނބުރި ބަލައިލިއިރު، އަޒްމަން އައިސް އަހަންނާ އަރާ ހަމަކޮށްފި އެވެ. އޭނާގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. ކަންބޮޑުވެ، ޖެހިލުން ނުވާކަން އެ މޫނުމަތީގެ އަސަރުތަކުން ހެކި ދިނެވެ. އަހަންނަށް ފަސްދީ ބޮޑުދައިތަގެ ފަހަތުން އޭނާ ހިނގަން ފެށި އެވެ.

އަހަންނަށްވުރެ ކުރިން އޭނާ ގޮސް، ބޮޑުދައިތަގެ ފަހަތުން ގޭތެރެއަށް ވަދެއްޖެ އެވެ. އަހަރެން ގޮސް ދޮރުމަތީގައި މަޑުކޮށްލީ، އެތެރެއަށް ވަންނަން ނުކެރިގެންނެވެ. މައިގެ ތެރޭގައި ހުރި އަށިމަތީގައި ބޮޑުދައިތަ އިންއިރު، ކުރިމަތީގައި އަޒްމަން ހުރީ ކޮޅަށެވެ.

"ކަލޭ ތިކިޔާ އެއްޗެއް މިތާ ކިޔާ..." ބޮޑުދައިތަ ވާހަކަ ދެއްކީ އަމުރުވެރި ރާގަކަށެވެ. "މިހާރު ކަލޭ އޭނަ އާ އިންނަން ބުންޏަސް، ދެވާފަ ފޮނުވާގޮތަށް މިހުރީ..."

ގޭތެރެއަށް ވަނުމަށް އަޅާލި ފިޔަވަޅު އަޅައިލެވުނީ، ފަހަތަށެވެ. ނުވެސް ދަންނަ ބީރައްޓެއްސެއްގެ ކުރިމަތީގައި ބޮޑުދައިތަ އެފަދައިން ވާހަކަ ދެއްކުމުން، ހިތުގައި ޖެހިއްޖެ އެވެ. ހިތް ތޮރުފަމުން ދިޔަ އެވެ. ގޭގެ ބޭރުން ޖަހާފައިވާ ޓިނުގަނޑުގައި ބުރަކަށި ޖައްސާލެވުނުއިރު، ނޭވާލުމަށް ދަތިވެއްޖެ އެވެ. ދަބަރަށްވެފައިވާ އެ ޓިނުގަނޑު ނައްޓައިގެން އަހަރެން ވެއްޓުނީ ގޭތެރެއަށެވެ. އިވުނު އަޑުފައްގަނޑާއިއެކު، ބޮޑުދައިތަ އާއި އަޒްމަން އެއްފަހަރާ އަހަންނާއި ދިމާއަށް ބަލާލައިފި އެވެ.

"ހޫން... ކަންތަކާ ލައްވާލީ އޭ... އަބަދުވެސް ކޮންމެސް ބޮނޑިއެއް ބޯނެ... ދެން ތުއްތު ކުއްޖެއްހެން އޮންނާނީ ރޯން... ތެދުވޭ..." އަށިމަތިން ފުންމައިލަމުން ބޮޑުދައިތަ އޭނާ އާއްމުކޮށް ބުނާ ޖުމްލަތައް ތަކުރާރު ކޮށްލި އެވެ. އެފަދަ ޖުމްލައެއް އިއްވާނުލާ ދުވަހެއް މަދުވާނެ އެވެ.

އަޒްމަން އައިސް އަހަރެން ނެގި އެވެ. އެއްވެސް ތަނަކަށް ތަދުވިތޯ ސުވާލު ކުރުމުން، ގިސްލާފައި ރޮވެން ފަށައިފި އެވެ. ބޮޑުދައިތަގެ ބަސްތަކުން، ހިތަށް ލިބިފައިވާ ޒަޚަމުތަކެއްގެ ބޮޑުކަމުން އެހެން ކަމަކަށް ސަމާލުކަން ދޭނީ ކިހިނަކުން ހެއްޔެވެ؟ ދެރަ އާއި ރުޅި އެކުވެގެން އައި ޖަޒުބާތުތަކުގައި އަޒްމަންގެ ކައިރީގައި ގައިގައި އަތް ނުލުމަށް އަމުރު ކުރެވުނެވެ. އެކަމާއި ވީ ދެރައަކުން، ދުވެފައި ގޮސް ވަދެވުނީ ކޮޓަރި އަށެވެ.

*********

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހެވެ. ފަތިސް ނަމާދުކޮށް ނިންމައިލިތަނައި، ބޮޑުދައިތަ އައިސް އޭނަ އާއިއެކު އައުމަށް އެދުނެވެ. ބޮޑުދައިތަގެ މިޝްރާބު ހުރީ، ގޭގެ ކުރިމަތީގައި އޮންނަ ރުއްތަކާއި ދިމާއަށެވެ. އެ އަނދިރީގައި ކުރަންއުޅޭ ކަމެއް އެނގޭތީ، ސުވާލެއް ނުކުރަމެވެ.

"މިއަދު ނޭނގޭ ފަނެއް ވެސް ލިބޭނެ ކަމެއް... މިތާ ހުރޭ... ބާރަށް ދުވިއްޔާ ނޫނީ ފަނެއް އަތަކު ނުޖެހޭނެ... އެދިމާލުގަ އޮތް ހަތަރު ފަން ހޮވާފަ، ދެން ދުއްވައިގަންނާނީ އެދިމާލަށް..." ކަން ކުރަންވީ ގޮތް ކިޔައިދެމުން ދިޔައިރު ބޮޑުދައިތަ އޭނާގެ އަތުގެ އިޝާރާތުން އެކި ތަންތަން ދައްކައިލި އެވެ.

އަހަރެން ބޯ ޖަހާލީމެވެ. އަނދިރިކަމުން ތަނެއް ނުފެނުނު ކަމުގައި ވިޔަސް މެއެވެ. ފަން ހޮވުމަށް ރަށުގެ ހުރިހާ ރައްޔިތުން ނުކުންނަނީ އެއް ވަގުތަކަށެވެ. އެއީ ރަށު އޮފީހުން ހަމަޖައްސާފައި އޮންނަ ގޮތެވެ. ތައްޔާރުވެގެން ގަޑިއެއްގެ އިރު ކުރިން ވަލަށް ދިޔުމަކީ، ބޮޑުދައިތަގެ އާދަ އެވެ. އަނދިރިކަމުން ތަނެއް ވަކިނުވާތީ، އަހަރެން ހުރީ ކުޑަކޮށް ޖެހިލުންވެފަ އެވެ.

"ކަލޭ ހިތުން ވަރަށް އުފަލުން ދޯ ތިހުރީ؟..." ދާދި ކައިރިން އިވުނީ އަންހެނެއްގެ އަޑެވެ. އަނދިރިކަމުން މޫނު ވަކިވާގޮތް ނުވި ނަމަވެސް، އެއީ ޝަރުމީލާ ކަން އެނގުނެވެ.

"ބަލަ މިހިރަ މޮޔަޔާ!... ކަލޭ ހީކުރީ، އަޒްމަން ކަލެއާ އިންނާނެ ކަމަށްތަ؟..." ޝަރުމީލާ ޖަހައިލީ ހިނިގަނޑެކެވެ. "ނީންނާނެ... އޭނަ އިންނާނީ އަހަރެންގެ ދަރި ނައިޝާ އާ..." އަމިއްލައަށް ކުރި ސުވާލުގެ ޖަވާބުވެސް ދިނީ ޝަރުމީލާ އަމިއްލަ އަށެވެ.

އަަހަރެން އެއްޗެއް ނުބުނަމެވެ. އޭނާ އާއި ދިމާއަށް ބަލައިވެސް ނުލަމެވެ. ހިތަށް ގޮތެއް ވަމުންދިޔަ ކަން އެނގުނެވެ. ނުތަނަވަސް ވާން ފެށީ، ކީއްވެ ކަމެއް ނޭނގުނެވެ. ފަން ހޮވާ ވަގުތު ޖެހުނު އިރުވެސް، ޝަރުމީލާ އޭނާގެ އަނގަ ހުއްޓައެއް ނުލަ އެވެ. އަހަރެން ހުރީ، ބޮލަށް އުނދަގޫވެފަ އެވެ. އެކި ދިމަދިމާގައި ތިބި މީހުންތައް ދުވެފައި ވަލަށް ވަންތަން ފެނި، އަހަރެންވެސް ވަލުތެރެއަށް ވަނުމަށް ހިނގައިގަތީމެވެ. އަހަންނާއި ޝަރުމީލާއަށް ދެވުނީ، އެއް ފަންތަކަކާއި ދިމާއަށެވެ. އަހަރެންގެ ގައިގައި ޖެހިގަނެފައި ކޮއްޕާލަން ހަދައިގެން އޭނާ ވެއްޓިއްޖެ އެވެ. ކިތަންމެ ފޫހިވާ އިންސާނަކަށް ވިޔަސް، އެ ހާލަށް ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. އޭނާގެ އަތުގައި ހިފައި ނެގީމެވެ. އެއާއިއެކު އަހަރެން ކޮއްޕައިލާފައި، އޭނާ ގޮސް، ފަންތަކުގެ މައްޗަށް ފުންމާލައިފި އެވެ.

ބޮޑުދައިތަ ނުކުމެގެން އައި ތަންވެސް ނޭނގުނެވެ. ފެނުނީ ޝަރުމީލާ ދުރަށް ކޮއްޕައި، ފަނެއްގެ ބުޑު ކަނޑައިލި ތަނެވެ. ދެމީހުންގެ ޒުވާބު ފެށުނީ އެހިސާބުންނެވެ. ގަޔަށް ބޮލަށް އަރާ ހިސާބަށް ކަންތައް ދިޔައިރު، އެތަނަށް މީހުން ޖަމާވެއްޖެ އެވެ.

ކަތީބު ދުރުވި އިރުވެސް، ދެމީހުންގެ ޒުވާބެއް ނުހުއްޓެ އެވެ. އަހަރެން ހުރީ ލަދުން އިސް އުފުލައިލަން ވެސް ނުކެރިފަ އެވެ.

"ބައްލަވާ ކަތީބު... މި ޝަރުމީލާ އެހުރީ އަޅުގަނޑުގެ ފަންކޮޅު ކާލައިގެން..." ބޮޑުދައިތަ ޝަކުވާ ކުރަން ފެށި އެވެ.

ޝަރުމީލާ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރެ އެވެ. ދެމީހުންވެސް ދަޢުވާ ކުރަމުން ގެންދިޔަ އެވެ. އަހަރެން ގޮސް ބޮޑުދައިތަ އެތަނުން ގެންދަން އުޅުނީމެވެ. އެކަންތައް ރަށު އޮފީހުން ބަލަން ފަށައިފިނަމަ، ބޮޑު ކަންތައްގަނޑަކަށް ވެދާނެތީ އަހަރެން ހުރީ ޖެހިލުންވެފަ އެވެ.

"މީ ކަލޭގެ ސުންޕާކަމުން ވާހާ ކަންތަކޭ... ކަމެއް ކުރަން ނޭނގޭ ބޮޑު އަންހެނެއް ގެންގުޅެގެން އަހަންނަށް ލިބޭ އެއްވެސް ފައިދާއެއް ނެތޭ..." އަހަރެން ލައިގެން ހުރި ހެދުމުގެ ކަރުވަޅުގައި ހިފައި ދަމައިގަންނަމުން ބޮޑުދައިތަ ހަޅޭއްލަވައިގަތެވެ. ގިނަ ދުވަސްވެ، ފީވެފައިވާ އެ ފޮތީގައި އެއްވެސް ވަރެއް ނެތެވެ. އެންމެ ލުއްކަކާއިއެކު، ކަރުވަޅު އިރައިގެން ގޮސް މޭމަތިން ބައެއް ހާމަވެއްޖެ އެވެ. "ސުންޕާ އަންހެނެއްގެ ސުންޕާ ދަރިއެއް ތީ... ހަމަ މިހާރު، މަގޭ ކުރިމަތިން ފޭވެގެން ދޭ..."

އެއްވެފައިވާ މީހަކަށް ބެލުމެއްނެތި، ބޮޑުދައިތަ އަހަރެން ދުރަށް ކޮއްޕައިލި އެވެ. ރަހުމުގެ ކަންފުޅެއް ވެސް ނެތް އަމަލެކެވެ. ބިންމައްޗަށް ގުޅައަކަށް ޖެހުމާއިއެކު، ފުންމައިގެން ތެދުވެވިއްޖެ އެވެ. މޭގައި ދެއަތް ހުރަސްކޮށްލައިގެން، އެތަނުން ދިޔުމަށް ދުއްވައިގަންތަނައި، ކޮންމެވެސް މީހެއްގެ ގައިގައި ލައިގަނެއްޖެ އެވެ. އެމީހަކު އޭނާގެ އަތުގެ ފުރިހަމަ ޙިމާޔަތް އަހަންނަށް ދީފި އެވެ. ކާކުކަން އެނގޭކަށް ގިނައިރެއް ނުނެގި އެވެ. އަޒްމަން ފިޔަވައި އެފަދަގޮތަކަށް އަަހަންނަށް އަޅާލާނެ އެހެން މީހަކު ނުހުންނާނެ ކަން އެއީ މުޖައްރިބު ކަމެކެވެ. އަމިއްލަ ހާލަތުގެ ގޮތުން، އޭނާ އާއި ގާތަށް ޖެހިލަން މަޖުބޫރު ވިއެވެ.

އެހެން މީހުންގެ ނަޒަރުން ސަލާމަތް ކުރުމަށް، އަހަރެން ގޮވައިގެން އޭނާ ވަނީ ވަލުތެރެއަށެވެ. އިރު ކުޑަކުޑަކޮށް ފެނުން ތޮޅެލާފައި ވިޔަސް، ވަލުތެރެ އޭރުވެސް އޮތީ ކޮންމެވެސް ވަރަކަށް އަނދިރި ކޮށެވެ. މުރަނަ ފަތްތަކުގެ މަތީގައި ހިނގަމުންދިޔައިރު، ފައިދަށުގައި އެތަކެތި ފިސްފިސްވުމުން އެ ގޮވާ އަޑު ފިޔަވައި އިތުރު އަޑެއް ނީވެ އެވެ.

ފުދޭ ވަރަކަށް އެތެރެއަށް ވަދެފައި، އޭނާ އަހަރެންގެ ގައިން ދޫކޮށްލައިފި އެވެ. އަހަންނަށް ފުރަގަސްދެމުން، ލައިގެން ހުރި ގަމީސް ހަށިގަނޑާއި ވަކިކޮށްލި އެވެ. ދެން އެނބުރި އައިސް، އަހަރެންގެ ހަށިގަނޑު އެއިން ނިވާކޮށްލަ ދީފި އެވެ.

އެންމެ އަމަލަކުން އޭނާ އަހަރެންގެ މުޅި ހިތް ފަތަހަ ކުރީ އެވެ. އިހުސާސްކުރެވިގެންދިޔަ ހިމާޔަތާއި ރައްކާތެރިކަމުގެ ސަބަބުން، އޭނާގެ މައްޗަށް ހިތްއެކީ ދީލާލައިފި އެވެ. އެ އިންސާނާއަށްޓަކައި، ހިތުން ހުސްކުރެވުނު މަޤާމް އެތައް ގުނައެއް އުފުލިއްޖެ އެވެ. ރޮއެގަންނަމުން އޭނާގެ ފައިދަށަށް ތިރިވެވުނެވެ.

"ހެޔޮނުވާނެ... އަހަރެން މިތަނުން ސަލާމަތްކޮށްދީ... ކޮންމެ ހާލެއްގަ ވެސް އަހަރެން އުޅެފާނަން... އެކަމަކު މި ލަދުވެތިކަމުގެ ވޭނުގައި އަހަންނަކަށް ކެތެއް ނުވާނެ..." އަހަރެންގެ އަޑު ކުރެހިގެން ދިޔަ އެވެ.

އޭނާ މަޑުމަޑުން އަހަރެންގެ ދެކޮނޑުގައި ހިފައި ނެގި އެވެ. ކުއްލިއަކަށް ގެންގޮސް އެ ތަނަވަސް މޭގައި ޖައްސާލައިފި އެވެ. ދުވި މީރު ވަހުން، ކަރުނަތަކަށް ވެސް ހުއްޓުމެއް އަތުވެއްޖެ އެވެ. ހުރަހެއްނެތި އިހުސާސް ކުރެވިގެންދިޔަ އެ ހޫނުކަމުގެ ސަބަބުން، އޭނާއަށް އަހަރެންގެ ހިތް ހިބައިން ހަދިޔާ ކުރެވިއްޖެކަން ޤައިމެވެ. ލޯބީގެ ވިންދެއް ހިތުގައި ޖަހާލައިފި އެވެ. އެއީ އޭގެ ކުރިން އަހަންނަށް އިހުސާސްކުރެވިފައި ނުވާފަދަ އުފާވެރި ކަމެކެވެ.

(ނުނިމޭ)

comment ކޮމެންޓް