އާތުރް ވިއްކާލައި ބާސެލޯނާއިން ޕިޔަނިކް ގެނެސްފި

ޔުވެންޓަސްގެ ޕިޔަނިޗް އަދި ބާސެލޯނާގް އާތުރު ----

ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު އާތޫރް މެލޯ އިޓަލީގެ ޔުވެންޓަސްއަށް ވިއްކާލައި، ބަދަލުގައި އެކުލަބުގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބާސާއިން ގެނެސްފި އެވެ.

ބާސެލޯނާއިން ބްރެޒިލްގެ ގްރެމިއޯ އިން 2018 ވަނަ އަހަރު 31 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގަކަށް ގެނައި އާތުރް ޔުވެންޓަސްއަށް ބަދަލުވާން އުޅޭ ކަމުގެ ރިޕޯޓްތައް މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ވަރަށް ގަދަޔަށް އަޑުއިވުނު ނަމަވެސް އެކަން އޮތީ ބޮޑު ޝައްކެއްގެ ތެރޭގަ އެވެ. އެއީ އާތުރުގެ އެއްވެސް ޓްރާންސްފާގެ މައުލޫމާތެއް ނުލިބޭ ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނުމާއި، ހުރިހާ މެޗެއްގައި ވެސް ގަވާއިދުން ސްކޮޑުގައި ހިމެނެމުން ދިއުމާ އެކު އެވެ.

ނަމަވެސް މިރޭގެ ވަގުތެއްގައި އާތުރު ޔުވެންޓަސްއަށް ދާން އެއްބަސްވެފައިވާ ކަމަށް ދެ ކުލަބުންވެސް ބުނެފައިވާ އިރު، އޭނާ އެކުލަބަށް އެއްކޮށް ބަދަލުވާނީ މިހާރު ކުރިއަށް މިދާ ސީޒަން އެއްކޮށް ނިމުނީމަ އެވެ. ރިޕޯޓްތައް ބުނާގޮތުން އުމުރުން 23 އަހަރުގެ އާތުރު ޔުވެންޓަސްއަށް ދާން އެއްބަސްވެފައިވަނީ 72 މިލިއަން ޔޫރޯގެ އަގަކަށެވެ.

އެއާ އެކު ބާސެލޯނާއަށް ޔުވެންޓަސްގެ ބޮސްނިއަން މިޑްފީލްޑަރު ޕިޔަނިޗް އައުމަށް އެއްބަސްވެފައިވާ އިރު އޭނާ ބާސެލޯނާއަށް ގެންނާނީ 60 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި އާތުރްގެ ޓްރާންސްފާގެ ކަންކަން ނިމުމާ އެކު އިތުރު 10 މިލިއަން ޔޫރޯ ބާސެލޯނާއަށް ޔުވެންޓަސްއިން ދިނުމަށް ވަނީ ނިންމާފަ އެވެ.

އާތުރްގެ ޓްރާންސްފާއާ އެކު ބާސެލޯނާގެ ގިނަ ސަޕޯޓަރުންތަކެއް ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި ބާސެލޯނާގެ ބޯޑުން މި ނިންމި ނިންމުމަކީ އެކުލަބުގެ މުސްތަގުބަލަށް އެޅުނު ގޯސް ފިޔަވަޅެކެވެ. ސަބަބަކީ އާތުރު އަކީ ޒުވާން ކުޅުންތެރިއަކަށް ވެފައި އޭނާގެ ހުނަރުވެރިކަމަށް ބަލައި، ބާސެލޯނާގެ ސިސްޓަމަށް އޭނާ ފިޓްވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އަނެއް ކޮޅުން ޕިޔަނިޗް އަކީ އުމުރުން 30 އަހަރުވެފައިވާ ކުޅުންތެރިއެއް ކަމަށްވެފައި ބާސެލޯނާގެ ސިސްޓަމަށް އޭނާ ހޭނެން ދުވަސް ނަގާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބައެއް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް