އިތުބާރު ނުހިފޭ މަސްދަރުތަކުގެ މައްޗަށް ބުރަވެ ރޭޕްގެ ޚަބަރުތައް ރިޕޯޓް ނުކުރަން އެމްއެމްސީން އިލްތިމާސްކޮށްފި

އެމްއެމްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުބާރު ނުހިފޭ މަސްދަރުތަކުގެ މައްޗަށް ބުރަވެ ރޭޕްގެ ޚަބަރުތައް ނޫސްތަކުގައި ރިޕޯޓް ނުކުރުމަށް މޯލްޑިވްސް މިޑީއާ ކައުންސިލް (އެމްއެމްސީ)އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިދިޔަ ހުކުރު ދުވަހު ސަފާރީއެއްގައި ރޭޕްގެ މައްސަލައެއް ހިނގި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ވިކްޓިމްގެ އިންޓަވިއުތައް ބައެއް މީޑިއާތަކުގައި ގެނެސްދީފައިވަނިކޮށެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނުގައި ބުނީ، އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން އެކި އޮންލައިން ނޫސްތަކުގައި ޝާއިއުކުރަމުން އަންނަ ލިޔުންތަކާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލުގެ ސަމާލުކަމަށް އެކި ފަރާތްތަކުން ގެންނަމުންދާ ކަމަށެވެ.

"ޖިންސީ އަނިޔާގެ ހުރިހާ ބާވަތެއްގެ މައްސަލަތަކަކީ ވަރަށް ބޮޑަށް ޕަބްލިކް އިންޓަރެސްޓާ ގުޅިފައިވާ މައްސަލަތަކަކަށް ވެފައި، އެފަދަ މައްސަލައެއްގެ މައުލޫމާތު މީޑިއާއަކުން ރިޕޯޓް ކުރާއިރު އެކަން ކުރަން ވާނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް ޔަގީންކޮށްފައި ކަމަށް ދަންނަވަމެވެ. އަދި އިތުބާރު ނުހިފޭ މަސްދަރުތަކުގެ މައްޗަށް ބުރަވެ، ސާބިތު ނުހިފޭ މައުލޫމާތު ޝާއިއުނުކުރުމަށް ނަސޭހަތްތެރިވަމެވެ،" އެމްއެމްސީގެ ބަޔާނުގައިވެއެވެ.

ޒިންމާ އަދާކުރުމުގައި މީޑިއާތަކުން ވެސް ހަރަކާތްތެރިވާން ވާނީ، ޒިންމާދާރު ކަމާއި މުޖުތަމައު ބަލައި ގަންނަ ހަމަތަކާއި އަހްލާގީ މިންގަނޑުތަކުގެ ތެރޭގައިކަން ކައުންސިލުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ނޫސްތަކާއި ނޫސްވެރިންވެސް އަމަލު ކުރުމަށް އެމްއެމްސީން ވަނީ ހަނދާންކޮށްދީފައެވެ.

އެގޮތުން ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރާއިރު، "ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑު" ގައި ވެސް ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތެއް ހާމަކުރާއިރު، އެފަރާތަކީ ކާކުކަން ހާމަވާ ފަދަ އެއްވެސް މައުލޫމާތެއް، ހާމަކުރާނީ އެފަރާތެއްގެ ރުހުމާއި އެކުގައި ކަމާއި އަދި އެފަދަ ފަރާތްތަކުގެ ޒާތީ އަދި އިންސާނީ ކަރާމާތަށް އިހުތިރާމް ކުރަންވާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މީޑިއާތަކުން ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް މީޑިއާތަކުން ކުރަންވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވާކަން ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނީ، ޖިންސީ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ އިންސާނީ ކަރަމާތަށް އުނިކަން އަންނާނެ ފަދަ ދަރަޖައަކަށް، އޭނާއާ މެދު ހިންގި އަމަލު ތަފްސީލްކޮށް ރިޕޯޓްކުރުމުން ދުރުހެލިވުމަށް ވެސް މީޑިއާތަކަށް މި ކައުންސިލުން ނަސޭހަތްތެރިވާ ކަމަށެވެ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކުށްވެރިވެ، ފަޟީހަތްވެ އޭނާގެ ހާލަތު ގޯސްވެދާނެ ފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު އާންމު ނުކުރުމަށް ވެސް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.

"މީގެ އިތުރުން، އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ހަބަރާއި މައުލޫމާތު އާންމު ނުކުރުމަށް ވެސް އެންމެހާ މީޑިއާތަކަށް އިލްތިމާސްކުރަމެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާ ކަނޑައެޅިގެން ހިލާފު މައުލޫމާތާއި ޖިންސީ އަމަލުތަކާއި ޝަހުވާނީ ކަންކަމަށް ތަރުހީބު ދީ ހިތްވަރު ލިބޭ ފަދަ ލިޔުންތައް ޝާއިއު ނުކުރުމަށް ވެސް މި ފުރުސަތުގައި އެންމެހާ މީޑިއާތަކަށް ނަސޭހަތްތެރިވަމެވެ." މިޑިއާ ކައުންސިލުން ނެރުނު ދެ ސަފުހާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް ފާރަވެރިވެ އެ ފަރާތްތަކުން ހިންގާ ނޭދެވޭ ކަންކަން ހާމަކުރުމާއި އެންމެހާ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި މީޑިއާގެ ދައުރު މުހިންމު ކަމަށާއި އެކަންކަމަށް އެ ކައުންސިލުން ވަރަށް ބޮޑަށް ހިތްވަރުދޭ ކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.

"މީޑިއާތަކުގެ އަހްލާގީ މިންގަނޑާ ހިލާފަށް މައުލޫމާތު އާންމު ކުރާ ނޫސްތަކާއި މަޖައްލާތަކުގެ މައްސަލަތައް މި ކައުންސިލުގެ ގާނޫނާއި ގާވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް ވެސް ދަންނަވަމެވެ" އެމްއެމްސީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް