އިންޑިއާގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި

ޓިކްޓޮކް--

މަޝްހޫރު އެޕްލިކޭޝަން ޓިކް ޓޮކް ހިމެނޭގޮތަށް ޗައިނާގެ 59 އެޕްލިކޭޝަނެއް ބޭނުންކުރުން އިންޑިއާގައި މަނާކޮށްފި އެވެ.

މި ނިންމުން އިންޑިއާ ސަރުކާރުން ނިންމާފައި މިވަނީ އިންޑިއާ އާއި ޗައިނާ އާއި ދެމެދު ސަރަހައްދީ ރޮނގުކައިރީ ހަމަނުޖެހުންތަކެއް ހިނގާ އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެފައިވަނިކޮށެވެ.

ޓިކްޓޮކްގެ އިތުރުން ވީޗެޓާއި ޔޫސީ ވްރައުޒާ ފަދަ މަގުބޫލު އެޕްލިކޭޝަންތައް ބޭނުން ކުރުންވެސް އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ޓިކްޓޮކް އަކީ އިންޑިއާގައި މަގުބޫލު ޕްލެޓްފޯމެކެވެ. އިންޑިއާގެ ގިނަ އާޓިސްޓުންނާއި ޒުވާނުން އަދި އިންފުލުއެންސަރުންގެ މެދުގައި ޓިކްޓޮކް މަގުބޫލެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ އެޕްލިކޭޝަނެކެވެެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ޓެކްނޮލަޖީ އިން ނެރުނު ބަޔާނެއްގައި ބުނީ މި 59 އެޕްލިކޭޝަން ބޭނުންކުރުން މަނާކުރީ ޕްރައިވެސީ އަދި ސެކިޔުރިޓީ ސަބަބުތަކާ ހުރެ ކަމަށެވެ. އެގޮތުން އިންޑިއާގެ ގައުމީ ސަމާލަތަށް އަދި ދިފާއަށް ނުރައްކާހުރި ކަންތައް މި އެޕްލިކޭޝަންތަކުގައި ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ 130 ކްރޯޑު ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަވުމުގެ ބިރު އެބައޮތް ކަމަށާއި އެގައުމުގެ ހޯމް މިނިސްޓްރީ އާއި ސައިބާ ކްރައިމް ކޯޑިނޭޝަން ސެންޓަރުންވެސް ލަފާ ދިނީ މި އެޕްތައް އިންޑިއާގައި މަނާކުރަން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޓިކްޓޮކް އާއި ވީޗެޓްގެ އިތުރުން ޝެއިން، ވެއިބޫ،ކްލޭޝް އޮފް ކިންގްސް، މެއިލް މާސްޓާ، ސްވީޓް ސެލްފީ ފަދަ އެޕްތައްވެސް އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ

comment ކޮމެންޓް