ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި 14 އަށް އިތުރުކޮށްފި

މިނިސްޓަރު އަބްދުﷲ އަމީން -- ފޮޓޯ/ އެންއީއޯސީ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި 14 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވަނީ 12 މާޗުގައެވެ. 30 ދުވަހަށް އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުު އެކި ފަހަރުމަތިން އިތުރު ކޮށްފައިވާއިރު، އެންމެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން، އެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.

ހެލްތު މިނިސްޓަރު އަމީން ސޮއިކުރައްވައި މިރޭ އާންމުކުރި ގަރާރުގައި ބުނީ ރާއްޖޭގައި ކޮވިޑް19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށެވެ.

އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކަތެރިކަން ކަށަވަރު ކުރުުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަދާ ދީފައިވާ ކަމަށާއި އެހެންކަމުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަކަށް ލިބިދޭ ބާރުގެ ދަށުން 12 މާޗުން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 14 ޖުލައިގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މާލޭ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 15ގައިއެވެ. އެ ފަހުން މާލޭ ސަރަހަައްދު ލޮކްޑައުން ކުރުމަށް ފަހު، މިހާރު ވަނީ ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

އެގޮތުން ފަތިހު ފަހަކުން ރޭގަނޑު 10 އަށް އެއްވެސް ހުއްދައެއް ނތި ބޭރުގައި އުޅެވޭއިރު ޖުލައި އިން ފެށިގެން އިތުރު ލުއިތައް ދޭނެއެވެ. ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަންވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް