ރޭޕާ ދެޮކޮޅަށް ކުރި މުޒާހަރާއިން ދެ މީހަކު ހައްޔަރުކޮށްފައިވޭ: ފުލުހުން

މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން: ދެ މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭޕް ކުރުމާ ދެކޮޅަށް މިއަދު މާލޭގައި ކުރި މުޒާހަރާ އިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެކެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭނުން ހިފައި، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

"އެ ދެ މީހުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހަމަނުޖެހުން ހިނގައި، ފުލުހުންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއަދުގެ މުޒާހަރާ ހޫނުވީ، ޖެންޑާ މިނިސްޓްރީގެ ދޮށުގައި ތިބި ބައިވެރިން މަޖީދީމަގުން ހިނގާފައި އައިސް ބޮޑުތަކުރުފާނު މަގު، ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފުލުހުން އެމީހުންނަށް ހުރަސް އެޅި ހިސާބުންނެވެ. އޭރު މުޒާހަރާގެ ބައިވެރިން ފުލުހުންގެ ލައިން ފޫއަޅުވާލައި، ހިނގަން ފެށިއިރު، އެތަނުން އެއް ބައިވެރިއަކު ވަނީ ފުލުހެއްގެ ގައިގައި ކޮޅުފައިން ޖަހާފައެވެ. އަދި އެ ހިސާބުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރުމުން މުޒާހާރާ އިތުރަށް ހޫނުވިއެވެ. އޭނާ ގަދަ ކަމުން ފުލުހުންގެ ވެހިކަލަށް އެރުވިނަމަވެސް، ވެހިކަލްގެ އަނެއް ދޮރުން އޭނާ ނުކުތެވެ. ފަހުން ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރީ މުޒާހަރާ ނިމުނު ފަހުންނެވެ. އޭރު ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ބައެއް ފަރާތްތަކަށް އަނިޔާވެސް ވިއެވެ.

މިއަދުގެ މުޒާހާރައިގައި، ބައިވެރިން ގޮވާލާފައިވަނީ، ޖިންސީ އަނިޔާގެ ކުށްތައް ހުއްޓުވުމަށް އިންސާފު ގާއިިމުކޮށްދިނުމަށާއި ނުފޫޒުވެރިން ހާމަކުރުމަށެވެ. އަދި ކަމާބެހޭ ފަރާތްތައް ޒިންމާދާރުވުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ.

މި މުޒާހާރައިގައި ޖިންސީ އަނިޔާ ލިބުނު ބައެއް ފަރާތްތަކުގެ ތަޖުރިބާވެސް ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ، ވަރަށް ޅަ އުމުރުގައި އަނިޔާ ލިބި އިންސާފު ނުލިބި ތިބި ފަރާތްތަކެވެ. ކޮންމެ މީހަކުވެސް އެމީހުންގެ ވާހަކަތައް ކިޔައިދިނީ، އުދަނގުލާއެކު، ވަރަށް ހިތްވަރުކޮށްގެންނެވެ. ބައެއް މީހުންނަށް ވާހަކަ ދައްކަން އުދަނގޫވެ، ވަހަކަ ދެއްކުން ހުއްޓާލަންވެސް ޖެހުނުނެވެ.

comment ކޮމެންޓް