ކޮވިޑް ޓެސްޓް ހަދަން ބޭނުންކުރާ ކާޓްރިޖް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި

ޑަބްލިއުއެއްޗްއޯއިން ޓެސްޓްކިޓް ހަދިޔާކުރުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ޖީން އެކްސްޕާޓް ކާޓްރިޖު ހަދިޔާ ކޮށްފި އެވެ.

މިތަކެތި ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ އަރްވިންދު މާތުރެވެ.

މިއަދު ހަދިޔާކުރި ޖީން އެކްސްޕާޓް ކާޓްރިޖުތަކަކީ އަތޮޅުތެރޭގައި ކޮވިޑަށް ޓެސްޓުކުރުމަށް ބޭނުންކުރާނެ ތަކެއްޗެވެ.

އެގޮތުން ށ އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ އަތޮޅު ހޮސްޕިޓަލް، ލ، ގަން ރީޖަނަލް ހޮސްޕިޓަލް، ގއ އަތޮޅު ހޮސްޕިޓަލުގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖައްސާނެ އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ވަނީ ކޮވިޑަށް ޓެސްޓު ކުރަން ފަށައިފަ އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބައްޔަށް ޓެސްޓު ކުރުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު ނަތީޖާ ލިބޭލެއް އަވަސްވާނެ ކަމަށެވެ. އަދި ސާމްޕަލް މާލެ ގެނައުމަށް ހޭދަވާ ވަގުތު މަދުވެ، ބަލިފެތުރޭ މިންވަރު ދެނެގަތުމަށް ފަސޭހަވާނެ ކަމަށް ސާމިޔާ ވިދާޅުވި އެވެ.

ސާމިޔާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވި، ފަތުރުވެރިން އަންނަން ފެށުމާއެކު، ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް މިއާއެކު ފަސޭހަވާނެ ކަމަށެވެ.

ޖީންއެކްސްޕާޓް މެޝިނާއި ކާޓްރިޖު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ގާއިމް ކުރާ ހޮސްޕިޓަލުތަކުގެ މެނޭޖަރުން ވަނީ އެ ހިދުމަތް އަތޮޅުތެރޭ ގާއިމް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެ އިންތިޒާމުު އެ ފަސް ހޮސްޕިޓަލުގައި ގާއިމް ކުރިކަމަށްޓަކާ ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު ހަ ރަށެއްގައި ކޮވިޑް19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިއުއެޗްއޯ އިން އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކޮށް އެ އެ މިނިސްޓްރީ އިން ބުނީ އެ ޖަމްއިއްޔާ އިން ފަންނީ އެހީތެރިކަމުގެ އިތުރަށް،ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

comment ކޮމެންޓް