ސަފާރީ ރޭޕް މައްސަލަ ތަހުގީގުކޮށް އަދަބުދިނުމަށް ޖޭޕީ އިން ގޮވާލައިފި

ރޭޕާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކޮށް އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީ އިން ގޮވާލައިފިއެވެ.

ޖޭޕީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާކަމަށާއި އެކަމާމެދު އެ ޕާޓީ އިން ހިތާމަ ކުރާ ކަމަށެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ އަންހެނަކު ރޭޕްކުރި މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރެވުނު ކަމަށް ބުނާ ދެ ފިރިހެނުން ހައްޔަރު ކުރުމަށްފަހު، ފުލުހުން އެ މީހުން ދޫކޮށްލުމަކީ ރާއްޖޭގައި މިބާވަތުގެ ކުށުގެ އަމަލުތައް ތަކުރާރުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެ ޕާޓީ އިން ދެކޭކަމަށް ޖޭޕީގެ ބަޔާނުގައި ބުންޏެވެ.

ޖޭޕީ އިން ނެރުނު ބަޔާނުގައި ބުނީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެން މީހުންގެ ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާން ޖެހުމަކީ އިތުރަށް މިފަދަ އަނިޔާގެ ޝިކާރައަށް ހުށަހެޅި ނަފްސާނީ ގޮތުން އަނިޔާތައް ތަހައްމަލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ސަފާރީ ބޯޓުގައި ހިނގައިދިޔަ ލާއިންސާނީ އަމަލު ހިންގިކަމަށް ބެލެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވި، އަނިޔާ ލިބުނު ފަރާތުގެ ހައްގު ހޯދައިދިނުމަށް ގާނޫނުގެ ހުކޫމަތު ދަމަހައްޓައި، ނެގެހެއްޓުމުގެ ޒިންމާމަތިކުރެވިފައިވާ އެންމެހާ ފަރާތްތަކަށް މި ޕާޓީ އިން ގޮވާލަމެވެ،" ޖޭޕީ ގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ މިފަދަ އަމަލުތައް މި ފަހަކަށް އައިސް ރާއްޖޭގައި ގިނަވެފައިވާ ކަމަށާއި މި ހިތްދަތި ދަނޑިވަޅުގައި ގާނޫނު ތަންފީޒުކުރުމުގެ ވާޖިބާއި ޒިންމާ މަތިކުރެވިފައިވާ ދައުލަތުގެ އެންމެހާ މުވައްސަސާތަކުން ވަކިބަޔަކަށް ބުރަނުވެ، އަދުލު އިންސާފުގެ ހަމަހަމަކަމާއެކު މައްސަލަތައް ތަހުގީގުކޮށް ކުށްކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު، ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އެމީހުން ވަނީ ހަމަ އެ ދުވަހު ބަންދުން ދޫކޮށްލައިފަ އެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށާއި މަައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މިކަމުގައި ސަރުކާރުގެ ބޮޑުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެކަން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

comment ކޮމެންޓް