އާސަންދައިގެ ދަށުން 28 ބަލި މީހަކު އިންޑިއާއަށް ފުރުވާލައިފި

އާސަންދަ އޮފީސް --- ފޮޓޯ/ ރާއްޖެ އެމްވީ

އާސަންދައިގެ ދަށުން މިރޭ 28 ބަލި މީހަކު އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުރިން އިންޑިއާއަށް ފޮނުވާލަން ނިންމީ 37 ބަލި މީހަކެވެ.

އާސަންދައިން ބުނީ، 37 ބަލިމީހުން ފުރުވަން ކުރިން ހަމަޖެހިފައިވީނަމަވެސް އެކި އެކި ސަބަބުތަކާހެދި ބައެއް ބަލިމީހުން މިދުވަސްވަރު ދަތުރުކުރުމަށް އުޒުރުވެރިވެފައިވާތީވެ މިރޭގެ ފްލައިޓްގައި ދަތުރުކުރަނީ 28 ބަލި މީހުން ކަމަށެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދައިން ބުނީ، މިރޭ އިންޑިއާއަށް ފުރާ 28 ބަލި މީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލި މީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހުންވެސް ފުރާނެ ކަމަށެވެ. މި ބަލި މީހުންގެ ތެރެއިން ދެ މީހުންނަކީ ސްޓްރެޗާގަ ގެންދާ ދެ މީހުން ކަމަށް ވެސް އަސަންދައިން ބުންޏެވެ.

"ފްލައިޓުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސައި އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެއެވެ." އާސަންދައިން ބުންޏެވެ.

މި އެންމެނަށްވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓާ (އެއިމްސް) އިންނެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި އެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.

މިރޭ ބަލިމީހުން ގޮވައިގެން ދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި ހަތް ދިވެހިން މީހުން ގޮވައިގެން ކަމަށްވެސް އާސަންދައިން ބުންޏެވެ.

"ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާއި ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިގެން ފަރާތުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." އާސަންދައިން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް