މުޒާހަރާގައި ބާރުގެ ބޭނުންކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން: ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭޕްއާ ދެކޮޅަށް މިއަދު މާލޭގައި ކުރި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިއަދު ހަވީރު ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެކެވެ.

ޖެންޑާ މިނިސްޓްރީ ހިންގާ ބިއްލޫރިޖެހިގެ ކައިރީގައި މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވެ، އަޑު އުފުލުމަށްފަހު އެމީހުން މިސްރާބުޖެހީ އާޓިފިޝަލް ބީޗާ ދިމާލަށެވެ. ބޮޑުތަކުރުފާނުމަގުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފުލުހުން މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށް ހުރަސް އެޅިއެވެ. ނަމަވެސް މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންގެ ލައިނު ފަޅާލައި، ހިނގައިގަތެވެ. އޭގެ ތެރެއިން އެކަކު ފުލުހެއްގެ ގައިގައި ކޮޅުފައިން ޖެހުމުން ހައްޔަރުކުރަން މަސައްކަތްކުރުމުން މުޒާހަރާ ހޫނުވިއެވެ.

ފުލުހަކަށް ހަމަލާދިން މީހާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެއްވުން ހޫނުވި އިރު ފުލުހުން އޭގެ ތެރެއިން ބާރުގެ ބޭނުންވެސް ކުރިއެވެ. ހައްޔަރުކުރި މީހާ ފުލުސް ވެހިކަލަށް އެރުވުމުން އެ ވެހިކަލްގެ އަނެއް ދޮރުން އޭނާ ނުކުމެގެންވެސް ދިޔައެވެ.

އެ ފަހުން މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނުމަގުން ކުރިއަށް، ރައީސް އޮފީހާ ދިމާލަށް ހިނގަން ފެށިއެވެ. އަދި ބީއެމްލް މެއިން ބްރާންޗު ކުރިމަތީގައި މުޒާހަރާގެ ބައިވެރިން ވަނީ މަޑުކޮށްފައެވެ. އޭރުވެސް ފުލުހުން މުޒާހަރާގެ ބައިވެރިން އެތަނުގައި ތިބުމަށް ފުލުހުން ފުރުސަތު ދިނެވެ. ނަމަވެސް ދެވަނަ ފަހަރަށް މުޒާހަރާ ހޫނުވީ، މުޒާހަރާ ނިންމާލިތަނުން ކުރިން ފުލުހެއްގެ ގައިގައި ޖެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުންނެވެ.

އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔައް ޕެޕާ ސްޕްރޭ ޖަހާފައެވެ.

އޭނާގެ އިތުރުން، އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރުވެސް ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި އެމީހުން ބަލާ ފާސްކޮށް ފުލުހުން ވަނީ ސުވާލުވެސް ކޮށްފައެވެ.

ނަމަވެސް މިހާތަނަށް އަދި އެއްވެސް މިހާކު މުޒާހަރާ ތެރެއިން ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެއެވެ.

މިއަދުގެ މުޒާހާރައިގައި، ބައިވެރިން ގޮވާލާފައިވަނީ، ޖިންސީ އަނިޔާގެ ކުށްތައް ހުއްޓުވުމަށް އިންސާފު ގާއިިމުކޮށްދިނުމަށާއި ނުފޫޒުވެރިން ހާމަކުރުމަށެވެ. އަދި ކަމާބެހޭ ފަރާތްތައް ޒިންމާދާރުވުމަށެވެ.

މި މުޒާހާރައިގައި ޖިންސީ އަނިޔާ ލިބުނު ބައެއް ފަރާތްތަކުގެ ތަޖުރިބާވެސް ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ، ވަރަށް ޅަ އުމުރުގައި އަނިޔާ ލިބި އިންސާފު ނުލިބި ތިބި ފަރާތްތަކެވެ. ކޮންމެ މީހަކުވެސް އެމީހުންގެ ވާހަކަތައް ކިޔައިދިނީ، އުދަނގުލާއެކު، ވަރަށް ހިތްވަރުކޮށްގެންނެވެ. ބައެއް މީހުންނަށް ވާހަކަ ދައްކަން އުދަނގޫވެ، ވަހަކަ ދެއްކުން ހުއްޓާލަންވެސް ޖެހުނުނެވެ.

ފަންސާސެއްހާ ބައިވެރިންނާއެކު މާސްކު އަޅައި، ގައިދުރު ކަމާއެކު ބޭއްވި މި މުޒާހަރާގައި ފަހުން 200 އެއްހާ މީހުން ވަނީ ބައިވެރިވެފައެވެ. މިއަދުގެ މުޒާހަރާ ނިންމާލީ، އަންނަ ހޯމަ ދުވަހުވެސް މުޒާހަރާ ބައްވާނެ ކަމަށް އިއުލާން ކުރުމަށްފަހު އެވެ.

comment ކޮމެންޓް