އީޔޫ ލިސްޓުގައި ރާއްޖެ ނެތުމަކީ ބްލެކްލިސްޓު ކުރުމެއް ނޫން: އީޔޫ

އީޔޫގެ ގައުމުތަކަށް އެތެރެވުމަށް ހުއްދަ ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވުމަކީ ރާއްޖެ ބްލެކް ލިސްޓުކުރުން ނޫން ކަމަށް އީޔޫ އިން ބުނެފި އެވެ.

ކޮވިޑް19 އާ ގުޅިގެން އީޔޫގެ ގައުމުތަކުގެ ބޮޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާ އިރު، އެ ގައުމުތަކަށް އެތެރެވެވޭ ލިސްޓުގައި ރާއްޖޭގެ ނަމެއް އަދި ނެތެވެ.

އެކަމާ ގުޅިގެން އީޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓުގައި އަދި ހިމަނާފައި ވާނީ 15 ގައުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ލިސްޓަށް އެހެން ގައުމުތައް އިތުރު ކުރާނެ ކަމަށެވެ. މި ލިސްޓު އެކުލަވާލާފައި ވަނީ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތް ބެލުމަށް ފަހު ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރާ ކާމިޔާބު މަސައްކަތް ފާހަގަ ކޮށްފަ އެވެ.

ހާލަތަށް އަންނަ ބަދަލާ އެކު އެހެން ގައުމުތައް ވެސް އެ ލިސްޓަށް އިތުރު ކުރާނެ ކަމަށާއި ގައުމުތަކަށް އެކަން އަންގާނެކަން އީޔޫގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ރާއްޖެއިން ވެސް ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ބޯޑަރުތައް ހުޅުވާލަން ނިންމައިފަ އެވެ.

comment ކޮމެންޓް