ހިޔާނާތުގެ މައްސަލައެއްގައި ފްރާންސުގެ ކުރީގެ ބޮޑުވަޒީރު ޖަލަށް ލާން ހުކުމްކޮށްފި

ފްރާންސުގެ ކުރީގެ ބޮޑުވަޒީރު ފްރާންސުވާ ފިޔޯ އާއި އަނބިކަނބަލުން ޕެނެލޮޕީ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (ޖޫން 29): ފްރާންސުގެ ކުރީގެ ބޮޑުވަޒީރު ފްރާންސުވާ ފިޔޯގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ފިޔޯގެ މައްޗަށް ހިޔާނާތުގެ ދައުވާ ކުރީ އޭނާ ޕާލިމެންޓު މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު އަނބިކަނބަލުން ޕެނެލޮޕީ ޕާސަނަލް އެސިސްޓެންގެ ގޮތުގައި އައްޔަން ކުރެއްވުމަށް ފަހު، އޭނާ މަސައްކަތް ނުކުރި ނަމަވެސް ބޮޑު މުސާރައެއް ދިން މައްސަލައިގަ އެވެ.

އޭގެ ސަބަބުން ފިޔޯގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ތިން އަހަރު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އަދި ޕެނެލޮޕީގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް އޭނާގެ ހުކުމް ވަނީ އެއްކޮށް ސަސްޕެންޑުކޮށްފަ އެވެ.

މީގެ އިތުރުން ފިޔޯ 423,100 ޑޮލަރުން ޖޫރިމަނާކޮށް، ކުރިއަށް އޮތް 10 އަހަރު އެއްވެސް އިންތިހާބެއްގައި ބައިވެރިވުން ވަނީ މަނާކޮށްފަ އެވެ.

އެ މައްސަލަ ފެންމަތިވީ ފްރާންސުގެ 2017 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ތިން މަހަށް ވެފައި ވަނިކޮށެވެ. އޭރު ރިޔާސީ ރޭހުގައި އެންމެ ކުރީގައި އުޅުއްވީ ރިޕަބްލިކަންސް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ފިޔޯ އެވެ. ނަމަވެސް ފްރާންސުގެ ނޫހަކުން އެ ތުހުމަތުތައް ރިޕޯޓު ކުރުމުން ފިޔޯއަށް އޮތް ތާއިދު ގެއްލުނެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އިމަނުއެލް މެކްރޮން އެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވަނީ ޕެނެލޮޕީ އެސިސްޓެންގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާގެ މުސާރަ އެގައުމުގެ އެންމެ ކުޑަ މުސާރައަށް ވުރެ ނުވަ ގިނަ އިތުރު ކަމަށާއި އޭނާ އެ މަގާމުގައި ހުންނެވި އަހަރުތަކުގައި ދިން މުސާރައިގެ މިންވަރު 936,127 ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ފިޔޯ ވަނީ އޭނާ 2005 އާއި 2007އާ ދޭތެރޭ ސެނެޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު އޭނާގެ ދެ ދަރިކަލުން އެސިސްޓެންޓުންގެ ގޮތުގައި އައްޔަން ކުރައްވާ، އެ މީހުންނަށް މުސާރައިގެ ގޮތުގައި 131,681 ޑޮލަރު ދެއްވާފައިކަން ޝަރީއަތުގައި ހާމަވި އެވެ.

ފިޔޯ އާއި އަނބިކަނބަލުން ވަނީ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވި ދައުވާތަކަށް ދެކޮޅު ހައްދަވާ، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ފްރާންސުގެ ބޮޑުވަޒީރުކަން ފިޔޯ ކުރެއްވީ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީގެ ވެރިކަމުގައި 2007އިން 2012އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް