ސްކޫލުތައް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރު ބައްލަވާލައްވައިފި

މިނިސްޓްރީގެ ޓީމު ސްކޫލުތަކަށް ޒިޔާރަތް ކުުރުން ---

އާ އާންމު ހާލަތުގައި ސްކޫލުތައް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ބައްލަވާލައްވައިފިއެވެ.

މިނިސްޓްރީ އިން ބުނީ މިނިސްޓަރާއެކު އެމިނިސްޓްރީގެ ޓީމެއް މިއަދު މާލެ ސަރަހައްދުގެ ސްކޫލްތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީގެ ޓީމުން ޒިޔާރަތްކުރި ސްކޫލްތަކަކީ މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލެވެ.

ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި މިނިސްޓްރީއިން ސްކޫލްތަކަށް ފޮނުވަމުންދާކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އަދި މިތަކެތި ގިނަ ސްކޫލްތަކަށް މިހާރުވާނީ ލިބިފައި ކަމަށާއި ސްކޫލްތަކުގައި ގާއިމުކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާއިރު ސްކޫލްތައް ހުޅުވެންވާއިރު ހުރިހާ ސްކޫލެއްގައި މި ސްޓޭޝަންތައް ގާއިމުކޮށް ނިމޭނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަތައް ލާފައިވާއިރު، ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ހުންނާނެއެވެ.

ޖުލައި އެއް ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވޭނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ.

އެހެން ނަމަވެސް ކޮވިޑް-19 ނެތް ރަށް ރަށުގައި ގްރޭޑް އެކަކުން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވޭނެއެވެ.

ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހެނީ ހަފްތާއަކު ހަތަރު ދުވަހުއެވެ. ސްކޫލަށް ދާއިރު މާސްކު ބޭނުން ކުރަންޖެހޭނެއެވެ.

comment ކޮމެންޓް