ބަންގުލަދޭޝްގެ ފެރީއެއް ބަންޑުން ޖަހާލައި، 30 މީހަކު މަރުވެއްޖެ

ބަންގުލަދޭޝްގެ ކޯރެއްގައި ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން 30 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ޑާކާ (ޖޫން 29): ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ކޯރެއްގައި ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން 30 މީހަކު މަރުވެއްޖެ އެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އެ ހާދިސާ ހިނގީ 'މޯނިން ބާޑް' ކިޔާ އެ ފެރީ ޑާކާގެ ބަނދަރަކަށް ލަފަން އުޅެނިކޮށް ފަހަތުން އައި ފެރީއެއްގައި ޖެހުމުންނެވެ.

ބަންގުލަދޭޝްގެ ކޯސްޓްގާޑުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ފެރީގައި 50 ވަރަކަށް މީހުން ތިއްބެވެ. އަދި މަރުވެފައިވާ 30 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތް އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭ ކަމަށް އެގައުމުގެ ފަޔާ ބްރިގޭޑުން ބުންޏެވެ.

ނަމަވެސް އެ ފެރީން ސަލާމަތްވި މީހަކު ވަނީ އޭގައި 100 ވަރަކަށް ފަސިންޖަރުން ތިބި ކަމަށް ބުނެފަ އެވެ.

ބަންގުލަދޭޝް އިންލޭންޑް ވޯޓާ ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިޔާ ކޮމޮޑޯ ގުލާމް ސާދިގު ވިދާޅުވި ގޮތުގައި އެ ބޯޓު ބަންޑުން ޖަހާލީ "ފަރުވާކުޑަ" ކަމުންނެވެ. އަދި ބޯޓުގައި ތިބެން ޖެހޭ ވަރަށް ވުރެ ގިނައިން މީހުން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދުއިސައްތައަށް ވުރެ ގިނަ ކޯރު އޮންނަ ބަންގުލަދޭޝްގައި ފެރީ އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ބޯޓުތަކުން މާ ގިނަ އަދަދެއްގެ މީހުން އުފުލުމާއި ސަލާމަތީ އިރުޝާދުތަކަށް އަމަލު ނުކުރުން ހިމެނެ އެވެ.

comment ކޮމެންޓް