ކޮވިޑް-19: ހާލު ބޮޑު ތިން މީހަކު ދަރުމަވަންތައަށް ބަދަލުކޮށްފި

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ބަލިމީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ހާލު ބޮޑު ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މި ތިން މީހުން ވެސް ޑީއެޗް11 އަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ތިން މީހުންގެ ހާލުވެސް ކްރިޓިކަލް ކަމަށެވެ. އެގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

ސަރުކާރުން ބޭނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ވަސީލަތްތައް ހާއްސަކޮށް ކޮވިޑް-19 އަށް ފަރުވާދެވޭ ސެންޓަރެއްގެ ގޮތުގައި ދިނުމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރުން ނިންމާ، ކޮވިޑަށް ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކުރީ މެއި މަހުގެ ތެރޭގައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބަވައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މި މަހުގެ 30 އަށް ޓްރީޓޮޕް ހޮސްޕިޓަލް ހުސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެ މީހުން ބަދަލުކުރާނީ ޑީއެޗް11 އަށް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާދޭ ހާޢްސަ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ކުރިމަތިން އޮންނަ ބިމުގައި ހުރި އިމާރަތް ވަނީ ތަރައްގީކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 2324 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 1911 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވެފައިވަނީ އަށް މީހެކެވެ.

comment ކޮމެންޓް